ފިލްމުގެ ޝޫޓިން ފަށަން މަހެއްހާ ދުވަހަށްވެފައި ވަނިކޮށް ރަންވީރު ސިންގް 'ޑޮން 3' އިން ވަކިވުމާ ގުޅިގެން ޑައިރެކްޓަރު ފަރުހާން އަޚްތަރަށް 45 ކްރޯޑް ރުޕީސް (4.7 މިލިއަން ޑޮލަރު) ގެ ގެއްލުމެއްވެފައިވާ ކަމަށް ބުނެ ފިލްމު ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އަށް ހުށަހެޅި މައްސަލައާ ގުޅިގެން، ރަންވީރާ އެކު މަސައްކަތް ނުކުރަން ފިލްމީ ދާއިރާގެ މީހުންނަށް އަންގައިފި އެވެ.
މިކަމާ ގުޅިގެން ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ރަންވީީރުގެ އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ޕްރޮފެޝަނަލް ކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި 'ޑޮން 3' އިން އޭނަ ވަކިވި އިރު، ފިލްމުގެ ޝޫޓިން ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެފައި އޮތުމުން އެންމެ ފަހު ދަނޑިވަޅުގައި އޭނަ ފިލްމު ދޫކޮށްލުމުން އޭގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރަން ހަމަޖެހިފައި ތިބި 200 އަށް ވުރެ ގިނަ މީހުންގެ މަސައްކަތް ގެއްލި ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފެޑެރޭޝަނުން ބުންޏެވެ.
އެހެންވެ އެތަނުގައި ރަޖިސްޓްރީވެގެން ފިލްމީ މަސައްކަތްކުރާ އެއްވެސް ބަޔަކު ރަންވީރުގެ މަސައްކަތްތަކެއް ހިއްސާ ނުވާން އެދިފައިވެ އެވެ.
ފެޑެރޭޝަނަށް ރަންވީރުގެ މައްސަލަ، ޑައިރެކްޓަރު ފަރުހާންގެ ސްޓޫޑިއޯ، އެކްސެލް އެންޓަޓައިންމަންޓުން ހުށަހެޅީ އޭނަ ފިލްމުން ވަކިވި މައްސަލައިގައި ފެޑަރޭޝަން މެދުވެރިގެން މި މައްސަލައާ ގުޅިގެން ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށް ދޭން އެދި ހުށަހެޅުމާ ގުޅިގެންނެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަންވީރު 'ބޭންކޮށް' ފެޑެރޭޝަނުން ބަޔާނެއް ނެރުނު އިރު، 'ޑޮން 3' އަށް އޭނަ ދޫކޮށްލި ސަބަބާ ބެހޭ ގޮތުން މިހާތަނަށް މީޑިއާތަކުގައި އެއްވެސް ވާހަކައެއް ނުދައްކާކަމެވެ. އަދި ފަރުހާން ވެސް މި މައްސަލައިގައި މިހާތަނަށް ހުރި ހަނެވެ.
އެހެންވެ 2023 ގައި އިއުލާންކުރި 'ޑޮން 3' ޕްލޭންކުރި ގޮތަށް މަސައްކަތް ކުރިއަށް ނުދިޔަ ސީދާ ސަބަބެއް މިނާތަނަކަށް ސާފުވާ ގޮތެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ރަންވީރު ފިލްމު ދޫކޮށްލީ އޭނަގެ ފަހުގެ ފިލްމު ކަމަށްވާ 'ދުރަންދަރު' އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ. އެގޮތުން ކުރިން އެހެން އެކްޓަރަކު ކުޅެފައި އޮތް ކެރެކްޓާއެއް ކުޅެން އޭނަ ބޭނުން ނުވުމާއި 'ޑޮން 3' އަށް ވުރެ ބޮޑެތި ޕްރޮޖެކްޓްތަކަށް އިސްކަން ދޭން ރަންވީރު ބޭނުންވުން ހިމެނެ އެވެ.
މިއީ ފަރުހާން މި ފަހުން އިއުލާންކުރި ފިލްމަކަށް ދެވަނަ ފަހަރަަށް މިފަދަ ކަމެއް ދިމާވި ފަހަރެވެ. އޭނަ 2021 ގައި ޕްރިޔަންކާ ޗޯޕްޅާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފް ހިމަނައިގެން ހަދަން އިއުލާންކުރި 'ޖީ ލޭ ޒަރާ' ވެސް އޮތީ ވާނުވާގަ އެވެ.
'ޑޮން 3' އަކީ ޝާހްރުކް ޚާން ހިމަނައިގެން ފަރުހާން ގެނެސްދިން 'ޑޮން' ފިލްމު ސީރީޒްގެ ތިން ވަނަ ބައެވެ. ދެހާސް ހައެއްގައި 'ޑޮން' ގެނެސްދިނުމަށް ފަހު 'ޑޮން 2' ރިލީޒްކުރީ 2011 ގަ އެވެ.
ރަންވީރަށް ފެޑަރޭޝަނުން އެޅި ފިޔަވަޅާ ގުޅިގެން ބައެއް މީހުން މިހާރު އަންނަނީ އެއީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ. ބައެެއް މީހުން ވަނީ މީގެ ކުރިން ވެސް ބައެެއް އެހެން ތަރިން އަމިއްލަ ސަބަބުތަކާ ހެދި ފިލްމުތަކެއް ދޫކޮށްލި ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ތަރިއަކަށް ފެޑަރޭޝަނުން ފިޔަވަޅެއް އަޅާފައި ނެތްކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ޝޫޓިން ފެށިތަނާހެން ސަލްމާން ޚާން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'އިންޝާﷲ' އިން ވަކިވުމާއި ޝާހްރުކް ޚާން ސޮއިކުރި 'ސާރޭ ޖަހާ ސެ އައްޗާ' އިން ވަކިވުމާއި ކަރަން ޖޯހަރްގެ 'ޝުއްދީ' އިން ރިތިކް ރޯޝަން ވަކިވުމާއި ޖޯން އަބްރަހަމް 'ދޫމް 3' އިން ވަކިވުމާއި އަކްޝޭ ކަންނާ 'ދުރިޝަމް 3' އިން ވަކިވުމުގެ އިތުރަށް އަކްޝޭ ކުމާރާއި އަމީތާބް ބައްޗަން ވެސް އެތައް ފިލްމަކަށް ސޮއިކުމަށް ފަހު ދޫކޮށްލިކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ ކަރުގައި ފެޑަރޭޝަނުން 'ބޭން ބޯޑު' އެޅުވި އިރު، ކާމިޔާބު އެކްޓަރު އަންނަނީ ވަރުގަދަ ޒޮމްބީ ތުރިލާއަކަށް ތައްޔާރުވަމުންނެވެ. އެއީ ޑައިރެކްޓަރު ޖޭ މެހެތާ މި އަހަރުގެ އޮގަސްޓްގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް 'ޕްރަލޭ' އެވެ.