އަތޮޅު ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް އޮތީ ވަޅުޖެހިފައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގެލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
އޭނަގެ ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މީކާއީލް ވިދާޅުވީ ކެމްޕޭން ދަތުރުތަކުގައި މިހާތަނަށް 55 ރަށަކަށް ދެވިއްޖެ ކަމަށެވެ. އަދި ދެވުނު ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާޓީގެ ހަރަކާތްތައް ވަޅުޖެހިފައި އޮތުން ކަމަށް ވިދާޅުވިއެވެ.
މީކާއީލް އެހެންވެ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެމްޑީޕީގައި ޒަމާނަށް ފެތޭ އޮނިގަނޑެއް އެކުލަވާލުމަށް އޭނަ ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އޭނަ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނާއި އަދި މުޅި ޖުމްލަކޮށް ރަށްރަށުގައި ތިބޭ އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ އެމްޑީޕީގެ އިންތިހާބީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން ކަމަށެވެ.
އެހެންވެ އެބޭފުޅުންނަށް އެމްޑީޕީގެ އެންމެ އިސް ގުނަވަނުގެ ގޮތުގައި އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބަސް ކިޔުމުގެ ޖާގަ އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
އޭނަ ވަނީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީގެ ހިންގުން ހަރުދަނާ ކުރަން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅައި، ޕާޓީގެ ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު ވެސް ވަރަށް ބޮޑަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޗެއާޕާސަން އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ. މި އިންތިހާބުގައި މީކާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑެވެ.