އިތުރު ތިން ކުންފުންޏެއްގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.
އެ ތިން ކުންފުންޏަކީ ބާރަށް ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ އަށް ހާއްސަކޮށްގެން ޗިޕް އުފައްދާ އެސްކޭ ހައިނިކްސް އާއި މައިކްރޯންގެ އިތުރުން ދެކުނުގެ ކޮރެއާގެ މަޝްހޫރު ޓެކް ކުންފުނި ސެމްސަންގެވެ.
މި ތިން ކުންފުނީގެ ތެރެއިން އެސްކޭ އާއި ސެމްސަންގް އަކީ ދެކުނު ކޮރެއާގެ ކުންފުންޏެކެވެ. މައިކްރޯން އަކީ އެމެރިކާގެ ކުންފުންޏެކެވެ.
އެސްކޭ ހައިނިކްސް އަކީ އެންވިޑިއާ އަށް ޗިޕް ސަޕްލައިކޮށްދޭ މައި ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރި ބޮޑުތަނުން ރަނގަޅުވެ، ހިއްސާގެ ބާޒާރުގައި ވިޔަފާރީގެ ނިސްބަތް މިއަދު ވަނީ 10 ޕަސެންޓަށް އުފުލިފަ އެވެ. އަދި އިއްޔެ މައިކްރޯންގެ ހިއްސާގެ އަގު 20 ޕަސެންޓަށް އުފުލިފައިވެ އެވެ.
ސެމްސަންގުގެ އަގު ޓްރިލިއަން ޑޮލަރު ހުރަސްކުރީ މި މަހުގެ ކުރީކޮޅު އެވެ. އެ ކުންފުންޏަކީ ޗިޕް އުފައްދާ ޓައިވާންގެ ކުންފުނި، ޓީއެސްއެމްސީ ފިޔަވައި ޓްރިލިއަން ޑޮލަރު ކުލަބަށް ވަން އޭޝިއާގެ ދެވަނަ ކުންފުންޏެވެ.
ޓްރިލިއަން ކުލަބްގައި ހިމެނޭ އެހެން ކުންފުނިތަކަކީ މައިކްރޮސޮފްޓާއި އެޕަލް އާއި އެންވިޑިއާ އާއި އެމެޒޯން އާއި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓާއި ފޭސްބުކާއި އިންސްޓަގްރާމް ފަދަ އެޕްތައް ހިންގަމުން އަންނަ މެޓަގެ އިތުރުން ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯ އެވެ.
މި ކުންފުނިތަކުގެ ތެރެއިން އެންވިޑިއާ އަކީ މިހާތަނަށް އަގު 5 ޓްރިލިއަން ޑޮލަރަށް އެރި ފުރަތަމަ ކުންފުންޏެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. ދާދި ފަހުން މައިކްރޮސޮފްޓާއި އެޕަލްގެ އަގު ވަނީ 4 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ.