Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ބޮލީވުޑްގެ އެންމެ މުއްސަނދި ޑައިރެކްޓަރަކީ ކަރަން

ބޮލީވުޑްގެ އެންމެ މުއްސަނދި ޑައިރެކްޓަރަކީ ކަރަން ޖޯހަރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އެއް ސްޓޫޑިއޯ ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންގެ ވެރިޔާގެ މިލްކިއްޔާތު 2،000 ކްރޯޑް ރުޕީސް (209 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކަރަން މިހާރު ހިމެނެނީ އިންޑިއާގެ އެންމެ މުއްސަނދި ސެލެބްރިޓީންގެ ލިސްޓްގެ 5 ވަނައިގަ އެވެ.

އޭނަ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. "ކުޗް ކުޗް ހޯތާ ހޭ" އިން 1998 ގައި ބޮލީވުޑަށް ތައާރަފުވި ކަރަން މިހާތަނަށް 7 ފިލްމު ޑައިރެކްޓްކޮށްފައިވާ އިރު، 8 ވަނަ ފިލްމަށް އަންނަނީ ތައްޔާރުވަމުންނެވެ. އޭނަގެ ހުރިހާ ފިލްމުތަކަކީ ވެސް ވަރަށް ކާމިޔާބު ފިލްމުތަކެކެވެ.

ކަރަން، 54، ގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

އޭނަ އަކީ ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއްގެ އިތުރުން ޓެލެންޓް މެނޭޖްމަންޓް އެޖެންސީއެއްގެ ހިއްސާދާރެއްގެ އިތުރުން ޓިއާނީގެ ނަމުގައި އަމިއްލަ ޖުވެލެރީ ބްރޭންޑެއް ވެސް ހިންގަމުން އަންނަ މީހެކެވެ. އަދި ކަރަން އަކީ ބްރޭންޑްތައް އެންޑޯޒްކޮށްދޭ އެމްބެސެޑަރެއްގެ އިތުރުން ހޯސްޓެއް ވެސް މެ އެވެ.

ބޮލީވުޑްގެ ސެލެބްރިޓީންގެ ތެރެއިން އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރާ ޝާހްރުކް ޚާނެވެ. ދެވަނަގައި އޮތީ ބަތަލާ ޖޫހީ ޗާވްލާ 4،600 ކްރޯޑް ރުޕީސް (480.24 މިލިއަން ޑޮލަރު) އެވެ. ތިން ވަނައިގައި އޮތީ އަމީތާބް ބައްޗަން 3،300 ކްރޯޑް ރުޕީސް (345 މިލިއަން ޑޮލަރު) އެވެ.

އެންމެ މުއްސަނދި 10 ސެލެބްރިޓީންގެ ލިސްޓްގައި ދެން ހިމެނެނީ ސަލްމާން ޚާން 3،100 ކްރޯޑް ރުޕީސް (324 މިލިއަން ޑޮލަރު)، ރިތިކް ރޯޝަން 1،500 (ކްރޯޑް ރުޕީސް 157 މިލިއަން ޑޮލަރު)، ދީޕިކާ ޕަދްކޯން 1،000 ކްރޯޑް ރުޕީސް (104.4 މިލިއަން ޑޮލަރު)، ޕްރިޔަންކާ ޗޯޕްޅާ 1،000 ކްރޯޑް ރުޕީސް (104.4 މިލިއަން ޑޮލަރު)، އަނުޝްކާ ޝަރުމާ 1،000 ކްރޯޑް ރުޕީސް (104.4 މިލިއަން ޑޮލަރު) އަދި ކާޖޮލް 1،000 ކްރޯޑް ރުޕީސް (104.4 މިލިއަން ޑޮލަރު) އެވެ.