Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

އަމާޒަކީ އެމްޑީޕީއަށް 100،000 މެންބަރުން ހަމަކުރުން

އަމާޒަކީ އެމްޑީޕީއަށް 100،000 މެންބަރުން ހަމަ ކުރުން ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެކްސްގައި ޕޯސްޓުކުރެއްވި ވީޑީއޯއެއްގައި ވިދާޅުވީ އެ ޕާޓީން އެންމެ މެމްބަރަކު ވިޔަސް ވަކިވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ.

އެމްޑީޕީން އެންމެ މެންބަރެއް ވަކިވުމަކީ، އަޅުގަނޑު އެދޭނެ ގޮތެއް ނޫން. އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ އުންމީދަކީ، އެއް ލައްކައަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްބުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޗެއާޕާސަން އިންތިހާބުގެ ތެރޭގައި އަދި އިންތިހާބަށްފަހުވެސް، އެމްޑީޕީގެ މެމްބަރުންގެ އަދަދު މާ ބޮޑަށް އިތުރުވާނެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައިވާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ. މިވަގުތު އެންމެ ގިނަ މެމްބަރުން ތިބީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގަ އެވެ. އެއީ 74،048 މެމްބަރުންނެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުއާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.