މި ފަށަނީ ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރުމުގެ މަސައްކަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އދ. މާމިގިލީގައި އިއްޔެ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ މީގެ 20 އަހަރުކުރިން މާމިގިލީއަށް ވަޑައިގެން އެމްޑީޕީގެ ސަރުކާރެއްގައި ދޮށީ އުމުރުގެ ކޮންމެ މީހަކަށް ޕެންޝަނެއް ދެވޭނެ ކަމާއި، ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭނެ ކަމާއި، ފޮތް ލިސްޓަށް އާދޭސްކުރަމުން މަހުޖަނުން ގާތުގައި ހިނގަން ނުޖެހޭނެ ވާހަކަ ދެއްކުމުން އެއީ "މޮޔަ" ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ކަމަށެވެ.
"މި ވާހަކަތައް އަޅުގަނޑު ދެއްކީމާ މި ރަށުގެ ވެސް އަދި މާލޭގެ ވެސް ރާއްޖޭގެ އެކި ތަންތަނުގެ ހަރު ކުލައިގެ ބައެއް މީހުން އަޅުގަނޑު ގާތުގައި ބުނި ކޮން ކަހަލަ މޮޔަ ވާހަކައެއްހޭ ތިޔަ ދައްކަނީ. މިއޮތީއޭ ދައުލަތަށް ލިބޭ އެއްޗަކީ، ކިހިނެތް ހެއްޔޭ ތި ހުރިހާ ކަމެއް ކުރާނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން ޓެކްސްގެ ނިޒާމެއް ގާއިމުކުރެވި، ދައުލަތަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދިވެހި މުޅި އިގްތިސާދަށް ލިބެމުން އަންނަ އާމްދަނީ ވެސް އިތުރުވެގެން ގޮސްފައިވާ ކަމަށާއި އެ އަދަދުތައް އިތުރުކުރަމުން ދިޔުމަކީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު އަނެއްކާވެސް ފާހަގަކުރަން ބޭނުމީ، ކުރިއަށް މިއޮތް ފަސް އަހަރުގެ ތެރޭގައި ތިބޭފުޅުންގެ އާމްދަނީ ދެގުނަ ކުރުމުގެ މަސައްކަތެއް އަޅުގަނޑުމެން މި ފަށަނީ. އެ މަސައްކަތް އިރާދަކުރެވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުން ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި އެއީ އެމްޑީޕީން ކުރާނެ މަސައްކަތެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.