Last Updated: July 22, 18:06
Thursday, July 23, 2026
ރިޕޯޓް

ބާރުގަދަ ދެ ތަމްރީނެއް؛ ދިރިއުޅުން ބަދަލުކޮށްލަމާ!

ތަމްރީނު 1: ފިކުރުތައް ވަޒަންކުރުން:

މިކަމަށް ހޭދަވާނީ ދުވާލަކު އެންމެ ފަސް މިނެޓެވެ. ނައްސި ނުވަތަ ނޭދެވޭ ފިކުރުތަކާއި، ޚިޔާލުތައް ސިކުނޑިއަށް އަންނަ ކޮންމެ ފަހަރަކު ވަގުތުން އެކަން ގަބޫލު ނުކުރާށެވެ. އެކަން ވަޒަންކުރުމުގެ ގޮތުން ތިން ސުވާލެއް ކުރާށެވެ.

ސުވާލު 1: އެއީ ތެދެއް ހެއްޔެވެ؟ ޙަޤީޤަތުގައިވެސް އަހުރެންނަށް އެކަން ނުކުރެވޭނެ ހެއްޔެވެ؟
ސުވާލު 2: އަހުރެންގެ އަތުގައި އޮތީ އެކަަމުގެ ކޮން ހެއްކެއް ހެއްޔެވެ؟
ސުވާލު 3: އަހުރެންގެ ގާތް ރައްޓެއްސަކު އެގޮތަށް ވިސްނާ ނަމަ، އަހުރެން އޭނާ ގާތު ބުނާނީ ކީކޭ ހެއްޔެވެ؟

ދެން އެ ޚިޔާލުތަކާއި، ފިކުރުތައް އެހެންގޮތަކަށް ލިޔާށެވެ.
"އަހުރެންނަކީ ނާކާމިޔާބު މީހެކެވެ."
"އަހުރެންނަށް މަސައްކަތް ކޮށްގެން އެކަން ކުރެވިދާނެއެވެ."
"އެކަން ކުރަންވީ ކީއްވެގެން ހެއްޔެވެ؟"

މި ތަމްރީނު ހަދަން ޖެހޭ ސަބަބަކީ، މި ތަމްރީނުގެ ސަބަބުން ސިކުނޑީގެ ޕްރީފްރަންޓަލް ކޯޓެކްސް ކިޔާ ބައެއް ހޭލަން ފަށައެވެ. ސިކުނޑީގެ އެބަޔަކީ މަންޠީޤީ ވިސްނުމާއި، ފިކުރު ކުރުމުގެ މަރުކަޒެވެ. ނައްސި ފިކުރުތަކަށް ތިބާ ގޮންޖަހާލުމުން ސިކުނޑި އޮޓޮމެޓިކުން ތަބްދީލީ މަގުތައް ހޯދަން ފަށައެވެ. ކޯޓިޒޯލްގެ ބަދަލުގައި ފައްސި ކެމިކަލްތައް އުފެދެން ފަށައެވެ.

ދެވަނަ ތަމްރީނު 2:

ނިދުމުގެ އެންމެ ތިން މިނެޓް ކުރިން، ޝުކުރުވެރި ވާންޖެހޭ ތިންކަމެއް ފާހަގަ ކުރާށެވެ. ރޭގަނޑު ނިދުމުގެ ކުރިން، މިއަދު ތިބާ الله އަށް ޝުކުރުވެރިވާން ޖެހޭ އެންމެ ތިން ކަމެއް، ނޯޓް ފޮތެއްގައި ނުވަތަ މޯބައިލް ފޯނުގެ ނޯޓްޕެޑްގައި ލިޔެލާށެވެ. މާބޮޑެތި ކަންތަކެއް ނޫން ކަމުގައި ވިޔަސް ފާހަގަ ކުރެވިދާނެ އެވެ.

1. މިއަދު ކާން ލިބުނެވެ.
2. ސިއްޙަތު ރަނގަޅެވެ.
3. ލޯތްބާއި އެކު މީހަކު ވާހަކަ ދެއްކިއެވެ.

އެވަރުން ވެސް ފުދޭނެ އެވެ. ދެން އެކަން ކުރެވޭ ސަބަބާ މެދު ވިސްނާލަމާ ހިނގާށެވެ. ނިދުމުގެ ކުރިން ޝުކުރުވެރި ވުމަށް ސިކުނޑި ފޯކަސްކުރާ ހިނދު، ސިކުނޑީގައި ހުންނަ ސިކުނޑި ހަމައަކަށް އަޅުވައިދޭ ކެމިކަލް މާއްދާތައް އިތުރުވެ، ފުން ނިއްޖެއް ލިބި، މުޅި ރޭގަނޑު ފައްސި، އެއް ޙާލަތެއްގައި ސިކުނޑި މަސައްކަތް ކުރަމުން ދާނެއެވެ. ހެނދުނު ހޭލާ އިރު އޮޓޮމެޓިކުން ސިކުނޑި ސާފުވެ، ހަކަތަ އިތުރުވެފައިވާ ކަމުގެ އިޙުސާސް ކުރެވޭނެ އެވެ.

މެދުނުކެނޑި، ތިން ހަފްތާ ވަންދެން މިކަން ތަޖުރިބާ ކުރާށެވެ. ދިރިއުޅުމުގެ މައްސަލަތަކާ މެދު ދެކޭ ގޮތް ބަދަލުވާން ފަށާކަން، ތިބާ އަމިއްލަ އަށް އިޙުސާސް ކުރެވޭނެ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.