އައްޑޫ ސިޓީ ކައުންސިލުން ހަރަދުކޮށްގެން މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުޅުވި ސެންޓްރަލް ޕާކް ނުބެލެހެއްޓި އެތަނަށް ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.
ހާއްސަކޮށް ކުޑަކުދިންނަށް ގިނަ ކުޅިވަރުތަކެއް ކުޅެ، އާއިލާތަކާ އެކު އުފާވެރި، ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ހަދާފައިވާ މި ޕާކަށް މިހާރު ކައުންސިލުން އަޅާނުލާކަމުގެ ކަންބޮޑުވުންތައް ބައެއް މީހުން ސޯޝަލް މިޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
އެގޮތުން ހިތަދޫ މީހަކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ ސެންޓްރަލް ޕާކްގައި ހުރި ވަރަށް ގިނަ ތަކެތި މިހާރު ހުރީ ހަލާކުކޮށްފައި ކަމަށެވެ. އެ ޕޯސްޓްގައި ބުނީ އުމުރުން ބޮޑެތި ކުދިންނާއި ބިދޭސީން ވެސް ސެންޓްރަލް ޕާކްގައި ބަހައްޓާފައި ހުންނަ ތަކެތި ބޭނުންކޮށް ހަލާކުކޮށްލާކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ ސެންޓްރަލް ޕާކް އެކަށީގެންވާ ގޮތެއްގައި ނުލެހެއްޓޭ ކަމަށް ބުނެފައިވެ އެވެ. ޕޯސްޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކްގެ ޕާކް ކޮންމެ ދީމަކުން އެކްސެސްވެވެން ހުރުމާއި ސެކިއުރިޓީ ވެސް ނެތުމުން އެތަން މިހާރު ބިދޭސީންގެ ފިނި މައިޒާނަކަށް ބަދަލުވެފައިވާކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ޕާކްގައި ހުރި ފައުންޓެއިން ނުވަތަ ފެން އަރުވާވަޑާމުގެ ފެން ފިލްޓަރު ނިވޭތީ ފެންތައް ދުރަށް ގޮސް އެ ފެނާ ކުޅޭ ގިނަ ކުދިން ބަލިވާކަމުގެ ޝަކުވާ ވެސް ބައެއް ބެލެނިވެރިންކޮށްފައިވާ ކަމަށް ޕޯސްޓްގައި ބުންޏެވެ.
ސެންޓްރަލް ޕާކްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރި މީހަކު އެތަން ރަނގަޅަށް ދެމެހެއްޓެނިވި ގޮތަކަށް ބޭނުން ކުރެވޭނީ ވަކި ގަޑިތަކެއްގައި ހުޅުވައި ބަންދު ވެސް ކުރާ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށެވެ. އަދި ސެންޓްރަލް ޕާކް ބަލަހައްޓައި މެއިންޓެން ކުރަން ކޮންމެވެސް ޔުނިފޯމް ބޮޑީއަކާ ހަވާލު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ހިޔާލު ދީފައިވެ އެވެ.
ސެންޓްރަލް ޕާކްގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެތަނުގައި ވެލި އޮންނަ ސަރަހައްދަށް ބުޅާތައް ވަދެ، ބުޅަލުގެ ނަޖިހުން ތަނުގެ ސާފުތާހިރު ކަމަށް ވެސް ބުރޫއަރައިފާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ޕާކްގައި ހުރި ފާހަނާ ބަރީގެ ސައުފުތާހެރިކަން ކުޑަކަމުގެ ޝަކުވާތައް ވެސް ބޮޑުކަމަށް ބުނެފައިވެ އެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު ހިތަދޫ ސެންޓްރަލް ޕާކް ހުޅުވީ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. މި ޕާކަކީ ކުރިން ކުޑަކުދިންގެ ޕާކެއްގެ ގޮތުގައި ބޭނުންކުރި ތަނެވެ. އެއީ ހިތަދޫ ލިންކް ރޯޑްގައި ހުންނަ ތެޔޮ ޝެޑް ސަރަހައްދެވެ.