މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ލ. ދަނބިދޫގައި ތެލި ބުރެއް ބާއްވައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ މިއީ ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އެގޮތުން ބުރު ކުރިއަށް ގެންދިޔައީ ބޮލުގައި ތެލި އަޅައިގެން ސައިކަލްތަކުގަ އެވެ. އެ ބުރުގައި ރަށުގެ އެކި މަގުތަކުން ތެލި ބުރު ދުއްވާފައިވެ އެވެ.
ބޮޑު އީދު ފާހަގަކުރަން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިހާރު ތަފާތު ވަރަށް ގިނަ ހަރަކާތްތައް ހިންގަ އެވެ. އެގޮތުން ދަނބިދޫން މި ފަހަރު ފެނިގެން ތެލި ބުރަކީ ތަންކޮޅެއް އާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.
ބޮޑު އީދަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މުޅި ރާއްޖޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ހަރަކާތަކީ ކުޅުދުއްފުށީގައި ބާއްވާ މަށި މާލި ޕެރޭޑެވެ. މިއަދު ހަވީރު އެ ޕެރޭޑް އޮންނާނެ އެވެ.