ގައުމީ އެއާލައިން، މޯލްޑިވިއަނަށް ގެންނަން ނިންމާފައިވާ ދެވަނަ ވައިޑް ބޮޑީ ބޯޓް މި އަހަރުގެ ފަހުކޮޅު ގެންނާނެ ކަމަށް ބުނެފި އެވެ.
އެ އެއާލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވީ ކުރިން މި މަސައްކަތްކުރީ ދެވަނަ ބޯޓް މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ގެންނަން ކަމަށެވެ. އެކަމަކު އޭރު އެކަން ނުވީ އެއާބަސް އޭ330-200 މަރުކާގެ ބޯޓްތަކަށް އޮތް ޑިމާންޑް ބޮޑުވެ، ބޯޓެއް ލިބުމުގައި ދިމާވި ދަތިތަކާ ހެދި ކަމަށް އިޔާސް ވިދާޅުވި އެވެ.
ނަމަވެސް މި އަހަރުގެ ފަހުކޮޅު ދެވަނަ ބޯޓް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެވެމު އަންނަ ކަމަށް ވިދާޅުވި އެވެ. އިޔާސް ވިދާޅުވި ގޮތުގައި ދެވަނަ ބޯޓް ގެނެވުމުން އިތުރު މަންޒިލްތަކަށް ދަތުރުތައް ވެސް ފަށާނެ އެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާ އާއި ސައުތު ކޮރެއާ އަށް ދަތުރުތައް ފެށުމަށް." އިޔާސް ވިދާޅު ވިއެވެ.
މޯލްޑިވިއަނަށް ފުރަތަމަ ވައިޑް ބޮޑީ ބޯޓް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން މިހާރު އެ ބޯޓްގައި ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ މަންޒިލްތަކަކީ ޗައިނާ، އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން އޮސްޓްރޭލިއާ އެވެ.
އަދި މިދިޔަ އަހަރާއި މި އަހަރު ވެސް ރާއްޖޭގެ ހައްޖާޖީންގެ ސައޫދީ އަރަބިއްޔާ އަށް ގެންދިއުމުގެ ދަތުރުތަކެއް ވައިޑް ބޮޑީ ބޯޓްގައި ކޮށްފައިވެ އެވެ.