Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ދެ ނޫސްވެރިން ޖަލަށް ފޯނެއް ވެއްދި މައްސަލަ ބަލަނީ

ކްރިމިނަލް ކޯޓުން ނެރުނު ގެގް އަމުރަކާ ހިލާފުވެގެން ޖަލަށްލި "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާނާއި ލީވާން އަލީ ނަސީރު ޖަލަށް ފޯނެއް ވެއްދި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

އެ ދެ ނޫސްވެރިންގެ ތެރެއިން 15 ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް ފަހު ޝަހްޒާން އިއްޔެ ދޫކޮށްލުމާ ގުޅިގެން ދެއްކި ވާހަކަތަކެއްގެ ވީޑިއޯއާ އެކު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އޭނަ ހަދަނީ ކަނޑައެޅިގެން 100 ޕަސެންޓް ދޮގެއް ކަމަށެވެ.

ޝަހްޒާން ބުނެފައި ވަނީ އޭނަ އާއި ލީވާން އެއް ގޮޅިއަކަށް ފަހު ފަހުން ވަކި ދެ ގޮޅިއެއްގައި ބޭއްތިބީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށާއި އެއަށް ފަހު ގޮޅީގެ ބޭރުން ތަޅައި އުނދަގޫކޮށްފައިވާ ކަމަށެވެ. އެ ވާހަތަކަށް އިޝާރާތްކޮށް އެ ދެ މީހުން ވަކިން ގޮޅިތަކެއްގައި ބައިތިއްބަން ޖެހުނީ އެ މީހުން ތިބި ގޮޅީގެ ކަބަޑް ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން މޮބައިލް ފޯނެއް ފެނުމާ ގުޅިގެން ކަމަށެވެ. އަދި އެ މީހުން ތިބި ގޮޅި ފާސްކުރަން ޖެހުނީ އާންމު ފަރާތަކުން މި މަހުގެ 15 ގައި ދިން މައުލޫމާތުތަކަކާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ވަކި މީހަކު އަންގައިގެން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ނުކުރާނެ ކަމަށާއި ކަންކަން ކުރަނީ އަމަލު ކުރަން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީީ ޝަހްޒާނާއި ލީވާން އެކީގައި ބޭތިއްބި ގޮޅިން ޖަލަށް ވެއްދުން މަނާތަކެތީގެ ތެރޭގައި ހިމެނޭ ފޯނެއް ވެއްދި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޝަހްޒާން އިއްޔެ ދޫކޮށްލި އިރު، ލީވާންގެ 10 ދުވަހުގެ މުއްދަތު ހަމަވުމުން ދޫކުރީ މި މަހުގެ 22 ގަ އެެވެ.

އެ ދެ މީހުން ޖަލަށްލީ "އަދަދު" ނޫހުން ރައީސް މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ތުހުމަތު ކުރެވޭ ގޮތަށް ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ޚަބަރެއް ލިޔެގެންނާއި ސުވާލުކޮށްގެންނެވެ.