Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޖަލުގައި އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ނުދޭ

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ޖަލުގައި އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ދީފައި ނުވާ ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިހެން ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވެ ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރަށް ޖަލުގައި ލާއިންސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިހުސާން ވިދާޅުވީ އެ ހަބަރު ލިބުނު މީހާއަށް ޔަގީނުން ވެސް "ފިތުނަވެރި ކަމާއި ދޮގު ހެދުމުން" އިނާމު ދޭންޖެހޭ ކަމަށެވެ.

"ކާކު އަންގައިގެން ބާ މިގޮތަށް ހެޑްލައިން ލިޔުނީ؟ ޖަލުގައި އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ނުދޭ،" އިހުސާން ވިދާޅުވި އެވެ.

ޝަހުޒާނާއި ލީވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށް މިނިސްޓަރު އިހުސާން މިއަދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވި އިރު ޝަހުޒާން އާއި ލީވާން ތިބި ގޮޅިން ލީވާން އެހެން ގޮޅިއަކަށް ބަދަލުކުރުމުގެ ކަންބޮޑުވުން ލީވާންގެ ވަކީލުން މީގެކުރިން ވަނީ ފާޅުކޮށްފަ އެވެ. އަދި އޭރު ލީވާން އެހެން ގޮޅިއަކާ ބައްދަލުކުރި ސަބަބެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެ އެވެ. އަދި އެގޮޅިން ފޯނު ފެނުނު ވާހަކައެއްވެސް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެ އެވެ.