އުތުރު މަލަބާރުގެ ކަންނަންނޫރު (މިހާރުގެ ކަންނޫރު) ގައި ރަސްކަންކުރި އަރައްކަލް ދަރިކޮޅު ނުވަތަ އަލީ ރާޖާއިންނަކީ، މާއްޕިލާ މުސްލިމުންގެ ތާރީޚުގައި ރަސްކަމުގެ ޝަރަފު ލިބިފައިވާ ހަމައެކަނި ޢާއިލާއެވެ. މިއީ ކަނޑުދަތުރުފަތުރުގެ ހުނަރާއި ސިޔާސީ ވިސްނުންތެރިކަމުން، އެ ރަސްކަމުގެ ކުޑަކަމާ ނުބައްދަލު ވަރުގަދަ ކަނޑުގެ ބާރަކާއި ނުފޫޒެއް އޮތް ބައެކެވެ.
ކަންނަންނޫރު (މިހާރުގެ ކަންނޫރު) އަކީ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ، އެ ސްޓޭޓްގެ މުނިސިޕަލް ކޯޕަރޭޝަންގައި މިހާރު ހިމެނޭ ސިޓީއެކެވެ. މިއީ އެ ޑިސްޓްރިކްޓްގެ އިދާރީ މަރުކަޒުވެސް މެއެވެ. މި ސިޓީ އޮންނަނީ ކެރެލާގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ ކޮޗިންގެ އުތުރުން 274 ކިލޯމީޓަރު ދުރުގައި، އަދި މެންގަލޫރުގެ ދެކުނުން 137 ކިލޯމީޓަރު ދުރުގައެވެ. ކަންނޫރަކީ މުޅި ކެރެލާ އަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު ސިޓީއެވެ.
އަރައްކަލް ދަރިކޮޅުގެ ރަސްކަން
އަރައްކަލް ދަރިކޮޅުގެ ފެށުމާ ގުޅޭގޮތުން ތަފާތު ފޯކުލޯރު ވާހަކަތައް ހުރެއެވެ. މީގެ ތެރެއިން އެންމެ އިތުބާރު ކުރެވޭ ވާހަކައަކީ މި ދަރިކޮޅުގެ ފެށުން ގުޅެނީ "ނަޔަރު" ޤަބީލާގެ ވެރިއަކު އިސްލާމްވެ، ކައިވެނީގެ ގުޅުމުން އުފެދުނު އާއިލާއަކާ ކަމަށް ބުނެވޭ ބުނެވުމާއެވެ. ބެލެވޭ ގޮތުގައި މިއީ މީލާދުން 11 ވަނަ ނުވަތަ 12 ވަނަ ޤަރުނުގެ ތެރޭގައި ހިނގާފައިވާ ކަމެކެވެ.
އިސްލާމްވި ކަމަށް ބުނެވޭ މި ބޭފުޅާއަކީ، ކަންނަންނޫރުގެ އުތުރުން ކޮލައްތަނާޑު ސަރަޙައްދުގެ ޗިރައްކަލް އާއި އޭލީގައި ވެރިކަންކުރި ހިންދޫ "ކޮލައްތިރި ރާޖާ" އިންގެ ޚިދުމަތުގައި އުޅުއްވި ބޭފުޅެކެވެ. ކޮލައްތިރީންނަކީ އަސޭމިރުހުގެ ވިޔަފާރީގައި ވަރަށް ބޮޑަށް ޝާމިލުވެ އުޅުނު މަޝްހޫރު ވެރިންތަކެކެވެ. އަދި ކެރަލާގެ އައްސޭރިން 300 ކިލޯމީޓަރު ދުރުގައި އޮންނަ ލަކްޝަދީބު (ލަކަޑީވްސް) ޖަޒީރާތަކުގެ މައްޗަށް ވެސް އެ މީހުން ވެރިކަން ހިނގިއެވެ.
ކަންނަންނޫރުގައި ހަތަރު ޤަރުނު ވަންދެން އަލީ ރާޖާގެ ދަރިކޮޅުން ރަސްކަންކުރިއެވެ. އެ ދަރިކޮޅުގެ ރެކޯޑުތަކުން އެނގޭގޮތުގައި 1545 އިން ފެށިގެން 24 ރަސްކަލަކު ރަސްކަން ކޮށްފައިވެއެވެ. އަލީ ރާޖާ (ކަނޑުގެ ރަސްގެފާނު) އަކީ ރަސްކަމުގެ ލަގަބެކެވެ. ފަހުން މި ލަގަބު ބޭނުން ކުރެވެނީ ހަމައެކަނި ފިރިހެން ރާޖާއިންނަށެވެ. ރާނީންނަށް ބޭނު ކުރަމުން އައީ"ބީވީ" އިން ނެވެ. މި ދަރިކޮޅުގެސަގާފީ ނުފޫޒު ބިނާވެފައިވަނީ، މައިފުށުން އާއިލާ ދެމިގެންދާ ނިޒާމުގެ (matrilineal) މައްޗަށެވެ.
ދިވެހީންނަށް އަލީރާޖާއިން ކުރި ދުއްތުރާތައް
އަލީ ރާޖާގެ ރަސްކަމުގެ ފަރާތުންނާއި މަލާބާރީންގެ ފަރާތުން ދިވެހީންނަށް ކޮށްފައިވާ ދުއްތުރާ ތަކަކީ ހިމަނައި ނުގަނެވޭހާ ގިނަ، އަދި ވޭނާ ކެކުޅުން ދިވެހީންނަށް ދީފައިވާ އަނިޔާވެރި ހާދިސާތަކެކެވެ. މަލާބާރީން (ހޮޅީން) ނާ ދިވެހީން ވަނީ ގިނަގުނަ ހަނގުރާމަތަކެއް ކޮށްފައެވެ.
މަލާބާރަކީ އިންޑިއާގެ ހުޅަނގު ދެކުނު އައްސޭރިފަށަށް ކިޔާ ނަމެކެވެ. މިއީ މިހާރުގެ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ ސަރަހައްދެކެވެ. ދިވެހި ތާރީޚުގައި މަލާބާރުގެ މީހުންނަށް އާންމުކޮށް ކިޔައިއުޅެނީ "ހޮޅިން" ނެވެ. އެހެން ކިޔަނީ އެ މީހުން ވާހަކަ ދައްކާ ހޮޅިބަހަށް (މަލަޔާޅަމް ބަހަށް) ނިސްބަތްކޮށެވެ.
ދިވެހީންނަށް މަލާބާރީން (ހޮޅީން) ދިން އެންމެ ބޮޑު އަނިޔާއަކީ ހަނގުރާމަވެރި ލަޝްކަރެއް އައިސް، 13 ޞަފަރު 1166 (20 ޑިސެންބަރު 1752) ގައި އޭރު ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް، ދިވެހިރާއްޖެ އަޅުވެތިކުރުމެވެ. ހޮޅިންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށް ދެއްވީ، 3 ޖުމާދަލްއާޚިރު 1166 (7 އެޕްރީލް 1753) ގައި އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުންދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނެވެ.
އަރައްކަލް ދަރިކޮޅުން ރަސްކަން ކުރެއްވި ރާޖާއިންނާއި ބީވީން
1. އަލީ ރާޖާ ޢަލީ I (1545–1591)
2. އަލީ ރާޖާ އަބޫބަކުރު I (1591–1607)
3. އަލީ ރާޖާ އަބޫބަކުރު II (1607–1610)
4. އަލީ ރާޖާ މުޙައްމަދު ޢަލީ I (1610–1647)
5. އަލީ ރާޖާ މުޙައްމަދު ޢަލީ II (1647–1655)
6. އަލީ ރާޖާ ގަމަރު (1655–1656)
7. އަލީ ރާޖާ މުޙައްމަދު ޢަލީ III (1656–1691)
8. އަލީ ރާޖާ ޢަލީ II (1691–1704)
9. އަލީ ރާޖާ ޙަމްޒާ I (1704–1720)
10. އަލީ ރާޖާ މުޙައްމަދު ޢަލީ IV (1720–1728)
11. އަލީ ރާޖާ ބީވީ ޙައްރާ ސުލްޠާނާ (1728–1732)
12. އަލީ ރާޖާ ބީވީ ޖުނުމާ ސުލްޠާނާ I (1732–1745)
13. އަލީ ރާޖާ ކުންހީ ޙަމްޒާ II (1745–1777)
14. އަލީ ރާޖާ ބީވީ ޖުނުމާ ސުލްޠާނާ II (1777–1819)
15. އަރައްކަލް ބީވީ މަރިޔަމް ސުލްޠާނާ (1819–1838)
16. އަރައްކަލް ބީވީ ޙަޔާޝާ ސުލްޠާނާ (1838–1852)
17. ސުލްޠާން ޢަބްދުއްރަޙްމާން I އަލީ ރާޖާ (1852–1870)
18. ސުލްޠާން މޫސާ އަލީ ރާޖާ (1870–1899)
19. ސުލްޠާން މުޙައްމަދު އަލީ ރާޖާ V (1899–1907)
20. އަރައްކަލް ބީވީ އިމްބިޗީ ސުލްޠާނާ (1907–1911)
21. ސުލްޠާން އަޙްމަދު އަލީ ރާޖާ (1911–1921)
22. އަރައްކަލް ބީވީ ޢައިޝާ ސުލްޠާނާ I (1921–1931)
23. ސުލްޠާން ޢަބްދުއްރަޙްމާން އަލީ ރާޖާ (1931–1946)
24. އަރައްކަލް ބީވީ މަރިޔަމް ސުލްޠާނާ (1946–1947)
އަރައްކަލް އާއިލާގެ ވެރިކަން ރަސްމީގޮތުން ނިމުމަކަށް އައީ އިންޑިއާ މިނިވަންވުމަށްފަހު، އެ ގައުމުގެ ރަސްކަންތައްތައް އުވާލައި ޖުމްހޫރިއްޔާއެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ. ނަމަވެސް، މިހާރު ވެސް "އަރައްކަލް ރަސްގެފާނު" ނުވަތަ "ބީވީ" ގެ ނަމުން އާއިލާގެ އެންމެ އިސް މީހާއަށް ނަންދީ، ކަނޑައަޅާފައި ހުރެއެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.