Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އެމްޑީޕީ ދޫކޮށްލުމަކީ ހެދުނު ގޯހެއް، މައާފަށް އެދެން

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ދޫކޮށްލުމަކީ ހެދުނު ގޯހެއް ކަމަށާއި އެކަމަށްޓަކާ އެ ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ފ. ފީއަލީގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލި ދުވަހަކީ ހަޔާތުގައި އެންމެ ދެރަވި ދުވަސް ކަމަށާއި އެމްޑީޕީ ވުޖޫދުކޮށް އެ ޕާޓީ ވެރިކަމާ ހަމައަށް ގެނައުމުގައި އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރަން ޖެހުނު ކަމަށެވެ.

"އަޅުގަނޑުގެ ޒުވާން އުމުރު ހޭދަކުރަންޖެހުނީ ޖަލުގައި. އޭގެ ސަބަބުން އަޅުގަނޑުގެ އާއިލާއަށް ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނު. އެހެންވީމަ މި ޕާޓީ ދޫކޮށްލުމަކީ އަޅުގަނޑު ލުއިލުއިކޮށް ކުރާނެ ކަމެއް ނޫން. އެއީ އަޅުގަނޑު ލުއިލުއިކޮށް ކުރި ކަމެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލަން ޖެހުމަކީ އެމަނިކުފާނުގެ ހަޔާތުގައި ކުރަން ޖެހުނު އެންމެ އުނދަގޫ އަދި އެންމެ ދެރަވި ކަންތައް ކަމަށެވެ. އަދި އެއީ ގޯހުން ކުރެވުނު ކަމެއް ކަމަށާއި ބައެއް ގޯސްތައް އެމަނިކުފާނަށް ވެސް ހުރީ ހެދިފައި ކަމުން، އެ ކަންކަމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން އަމާޒު މިހާރު ހުރީ އެމްޑީޕީގެ މެމްބަރުން އަދަދު 1 ލައްކަ އަށް އެރުވުމަށް ކަމަށާއި އެއީ އުނދަގޫ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިިހާބު ކާމިޔާބުކުރަން މަދުވެގެން 170،000 ވޯޓު ހޯދަންޖެހޭ ކަމަށާއި މިހާތަނަށް އެމްޑީޕީއަށް އެކަނި ހޯދިފައި ވަނީ 120،000 ވޯޓު ކަމަށްވާއިރު، އެއަށް ވުރެ އިތުރަށް ވޯޓު ހޯދަން ކުރަންޖެހޭ ކަމަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.