އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ބަލިވިޔަސް އެ ޕާޓީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު އޮންނަ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އިންތިޚާބަކުން ބަލިވެއްޖެނަމަ އޭގެ މާނައަކީ ގޭގައި މަޑުމަޑުން ހުރުން ކަމަށާއި ނަމަވެސް އެމްޑީޕީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުގެ ޒުވާން އުމުރު ދިޔައީ މިޕާޓީއެއް ހަދަންވެގެން. އަޅުގަނޑަށް މި ޕާޓީ ހަދަން އުޅުމުގެ ތެރޭގައި ލިބުނުހާ އަނިޔާއަކާއި ގެއްލުން އަޅުގަނޑު ހިތުން އެތައް ބަޔަކަށްވެސް އަނިޔާ އާއި ގެއްލުން ލިބިފައިވާނެ. އެހެންނަމަވެސް އަޅުގަނޑަށް އެކަން ތަހައްމަލުކުރަން ޖެހުނު މިންވަރު ވަރަށް ބޮޑު. އަޅުގަނޑުގެ އާއިލާއަށް އެކަމުން ކުރި އަސަރުވެސް. އަދި އަޅުގަނޑުގެ މުޅި ހަޔާތަށް ކުރި އަސަރު ވަރަށް ބޮޑު. އަޅުގަނޑެއް ދެން މި ޕާޓީ ދޫކޮށްފައެއް ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން އެއްލާނުލާހާ ހިނދަކު ޕާޓީގައި ހުންނަވާނެ ކަމަށާއި ޕާޓީގައި ބަހައްޓައިފިކަމަށްވާނަމަ ހުންނާނީ އެމްޑީޕީގައި ކަމަށެވެ.
"އަޅުގަނޑު ގައިން މިހާރު ކަނޑާލިއަސް އަންނާނީ އެމްޑީޕީ ލޭ. އަދި އަޅުގަނޑެއް ބޭނުމެއް ނޫން މިދުނިޔެ ދޫކޮށްފައި ދާކަށް އެމްޑީޕީ މެމްބަރެއް ނޫން ގޮަތަކަށް. އަޅުގަނޑު ވަރަށް ފަހުރުވެސް ވޭ މި ޕާޓީއަށްޓަކައި. އަޅުގަނޑު މިޕާޓީން ދިޔައީމަވެސް މި ޕާޓީއެއް ނުރޫޅުނު. ބައްލަވާ ޑީއާރުޕޫ ޕީޕީއެމް، ޕީއެންސީ ޕީއެންއެފް މި އިނގިރޭސި އަކުރުގައި ހުރި ހުރިހާ އަކުރެއް ހުސްވެއްޖެ ސިޔާސީ ޕާޓީތަކުން އެބޭފުޅުން ތިއްބަވާ. އެކަމަކު އަޅުގަނޑުމެންގެ ޕާޓީ އުފައްދާފައި އޮތީ މާ ވަރުގަދަކޮށް. ތިރިން މައްޗަށް. އެހެންވީމާ މި ޕާޓީ އެގޮތަށް ދެމި އޮންނާނީ،" ނަޝީދު ވިދާޅުވި އެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.