ދަންނާށެވެ! އިސްލާމްކަން ގެއްލޭ 10 ކަމެއް ވެ އެވެ.
1. ފުރަތަމަ ކަންތައް: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ- النساء 48 “ހަމަކަށަވަރުން މާތްﷲ އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވަ އެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.” އަދިވެސް ވަޙީކުރެއްވިއެވެ. إنَّهُ مَنْ يُشْرِك بِاللهِ فَقَد حَرَّمَ اللهُ عَلَيْه الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِيْن مِنْ أنْصَارٍ- المائدة 72 “ހަމަކަށަވަރުން، މާތްﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ހަމަކަށަވަރުން، މާތް ﷲ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އަދި އޭނާ ގޮސް އޮންނާނޭ ތަނަކީ، ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުވެރީން ކަމުގައިވާނޭ ބަޔަކު ނުވެއެވެ.”
އަދި މީގެ ތެރޭގައި ﷲ ނޫން އެހެން ފަރާތަކަށް ކަތިލުން ހިމެނެއެވެ. ޖިންނީންނަށް ނުވަތަ ޤަބުރަށް ކަތިލުން ފަދަ ކަންކަމެވެ.
2. ދެވަނަ ކަންތައް: އެފަރާތްތަކަށް ދުޢާ ދެންނެވުމާއި، އަދި އެފަރާތްތަކުން ޝަފާޢަތަށް އެދުމާއި، އަދި އެފަރާތްތަކަށް ވަކީލުކުރުމުގައި، އެމީހަކާއި މާތްﷲ އާއި ދެމެދު މެދުވެރީންތަކެއް ލައިފި މީހާ، ޢިލްމުވެރީން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި، އެއީ ކާފިރުވެއްޖެ މީހެކެވެ.
3. ތިންވަނަ ކަންތައް: މުޝްރިކުން ކާފިރުނުކޮށް، ނުވަތަ އެމީހުންގެ ކާފިރުކަމާ މެދު ޝައްކުކޮށް، ނުވަތަ އެމީހުން ހިނގި މަގު އެއީ ޞައްޙަ މަގެއްކަމަށް ޤަބޫލުކޮށްފި މީހާ ކާފިރުވެއްޖެއެވެ.
4. ހަތަރުވަނަ ކަންތައް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތު ފިޔަވާ އެހެން ހިދާޔަތެއް އެއީ މާ ފުރިހަމަ ހިދާޔަތެއްކަމުގައި ނުވަތަ އެކަލޭގެފާނުގެ ޙުކުމް ފިޔަވާ އެހެން ޙުކުމެއް އެއީ މާ ރަނގަޅު ޙުކުމެއް ކަމުގައި ޤަބޫލުކޮށްފި މީހާ، މިޘާލަކަށް އެކަލޭގެފާނުގެ ޙުކުމްގެ މައްޗަށް ޠާޣޫތުންގެ ޙުކުމް އިސްކުރާ މީހާ، އޭނާއީ ކާފިރެކެވެ.
5. ފަސްވަނަ ކަންތައް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަންކަމައިގެން ވަޑައިގެންނެވި އެއްވެސް ކަމަކަށް ރުޅިއަރައްޖެ މީހާ (ނުރުހިއްޖެ މީހާ)، އެފަދަ ކަމަކަށް އޭނާ ޢަމަލުކުރި ކަމުގައި ވިޔަސް، ކާފިރުވެއްޖެއެވެ.
6. ހަވަނަ ކަންތައް: ﷲ ދީނުގެ އެއްވެސް ކަމަކަށް ނުވަތަ އެދީނަށް ޢަމަލު ކުރުމުން ލިބޭ ޘަވާބަށް، ނުވަތަ ޢަމަލު ނުކުރުމުން ލިބޭ ޢަޛާބަށް، ފުރައްސާރަކޮށްފި މީހާ ކާފިރުވެއްޖެ އެވެ. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. قُلْ أَبِاللهِ وَآيَاتِهِ وَرَسُولِهِ كُنْتُم تَسْتَهْزِءُون * لاَ تَعْتَذِرُواْ قَدْ كَفَرْتُمْ بَعْد إيْمَانِكُمْ- التوبة 65-66 “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކޮށް ފުރައްސާރަ ކުރަންވީ ﷲ އަށާއި، އެއިލާހުގެ އާޔަތަށާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ބަހަނާ ނުދައްކާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން، އީމާންވުމަށް ފަހު، ތިޔަބައިމީހުން ތިޔަވަނީ ކާފިރުވެފައެވެ.”
7. ހަތްވަނަ ކަންތައް: ސިޙްރު ހެދުން–އޭގެ ތެރޭގައި ވަރިތޮޅި އަދި އިސްތިރި ހިމެނެއެވެ. ފަހެ، އެފަދަ ކަމެއް ކޮށްފިމީހަކު، ނުވަތަ އެފަދަކަމަކަށް ރުހިއްޖެ މީހަކު ކާފިރުވެއްޖެއެވެ. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ- البقرة 102 “ތިމަންބޭކަލުން މި އުނގަންނައިދޭ ތަކެއްޗަކީ އިމްތިޙާނެކޭ (މިތަކެތި ދަސްކޮށްގެން) ތިބާ ކާފިރުނުވާށޭ، މިހެން ވިދާޅުވެފައިމެނުވީ އެއްވެސްމީހަކަށް އެދެބޭކަލުން އުނގަންނަވައިދެއްވާކަމުގައި ނުވެއެވެ.”
8. އަށްވަނަ ކަންތައް: މުސްލިމުންގެ މައްޗަށް (މުސްލިމުންނާ ދެކޮޅަށް) މުޝްރިކުންނަށް ވާގިވެރިވެ އެހީތެރިވުން – ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَن يَتَوَلَّهُم مِّنْكُمْ فَإنَّهُ مِنْهُمْ إنَّ اللهَ لاَ يَهْدِيْ الْقَوْمِ الظَّالِمِيْنَ- المائدة 51 “އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުންގެ އެހީތެރިކަމާއި އެކުވެރިކަން ހޯދައިގެންފި މީހާ، ހަމަކަށަވަރުން އެމީހާއީ އެމީހުންގެ ތެރެއިން ވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ.” (މާއިދާ: 51)
9. ނުވަވަނަ ކަންތައް: މޫސާ ޢަލައިހިއްސަލާމްގެ ޝަރީޢަތުން، ޙަޟިރު ޢަލައިހިއްސަލާމް، ނުކުމެވަޑައިގަތުން ތަނަވަސްވެގެންވީ ފަދައިން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަރީޢަތުން ބޭރުވެގަތުން ތަނަވަސްވެގެންވާ ކަމަށް، ޤަބޫލުކޮށްފިމީހާއީ ކާފިރެކެވެ.
10. ދިހަވަނަ ކަންތައް: ﷲ ގެ ދީނުން އެއްކިބާވުން، އެދީން އުނގެނުމަށް މަސައްކަތް ނުކުރުމާއި، އެދީނަށް ޢަމަލު ނުކުރުން. ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَـا إنَّا مِنَ الْمُجْرِمِيْنَ مُنْتَقِمُونَ- السجدة 22 “އަދި އެމީހާގެ ރައްބުގެ އާޔަތްތައް އެމީހަކަށް ހަނދާންކޮށްދެވުމަށްފަހު، އެއިން އެއްކިބާވި މީހާ އަށްވުރެ ބޮޑު އަނިޔާވެރިޔަކީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ފާފަވެރިންގެ ކިބައިން، ތިމަން އިލާހު ބަދަލު ހިއްޕަވާ ހުށީމެވެ.”
އިސްލާމްކަން ގެއްލޭ މިހުރިހާ ކަމެއްގައި، މަޖްބޫރުވެގެން މެނުވީ، ސަމާސާއަކަށް އަދި ގަސްތުގައި އަދި ބިރުން މިކަންކަން ކުރާ މީހުންނާ މެދު ތަފާތެއް ނެތެވެ. އަދި މި ހުރިހާ ކަމަކީވެސް ނުރައްކާތެރިކަން އެންމެ ބޮޑު، އަދި ވުން އެންމެ ގިނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ފަހެ، އެހެންކަމުން މުސްލިމާ މިކަންކަމަށް ރައްކާތެރިވުން ހުއްޓެވެ. އަދި އެމީހެއްގެ ނަފްސުގެ މައްޗަށް މިކަންކަމުން ބިރުވެތިވުން ހުއްޓެވެ.
އެ އިލާހުގެ ކޯފާ އަހަރެމެންގެ މައްޗަށް ވާޖިބުވާ ކަންތައްތަކުންނާއި، އެ އިލާހުގެ ވޭންދެނިވި ޢަޛާބުން ރައްކާތެރިކަމަށް ﷲ ގެ ޙަޟްރަތުން އަހަރެމެން އެދެމެވެ.
އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ އާލުންނަށާއި އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށި އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.