ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަޖިލީހުންގެ ނައިބު ރައީސްގެ މަގާމވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނާޒިމު ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ގަ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެފަދަ ގަރާރަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ.
މަޖިލީހުގެ ނައިބުރަ އީސްގެ މަގާމުން ނާޒިމު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން މެންބަރުންނަށް 50 މިނެޓް އަދި ޖަވާބުދާރީވުމަށް ނާޒިމަށް ދޭން ނިންމީ 10 މިނެޓެވެ.
ނާޒިމު މަގާމުން ވަކިކުރަން ޕީއެންސީން ހުށަހެޅީ އޭނަ މަޖިލީހުގެ މަސްލަހަތު ނަގާލަން ތުހުމަތުކޮށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ، މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން އެ ގަރާރު ފާސްވުމުން ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ މަށް އަބްދުއްރަހީމް އަބްދުﷲ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓުންނެވެ. އެ މަގާމަށް އޭނައާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ އެވެ. އޭނަ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.