Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ރަންވީރާއި ފަރުހާން ސުލްހަ ކުރަން ސަލްމާން!

ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ޑޮން 3 އިން ރަންވީރު ސިންގް ވަކިވި މައްސަލައިގައި އެ ދެ މީހުންގެ ގުޅުން ގޯސްވެ، އެ މައްސަލަގަނޑު މިހާރު ބޮޑު ބަހުސަކަށް ވެސް ވެފައި ވަނިކޮށް އެ މީހުން ސުލްހަ ކުރުމުގެ މަސައްކަތް ސަލްމާން ޚާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ރަންވީރާއި ފަރުހާނާ ސަލްމާން ބައްދަލުކޮށް އެ ދެ މީހުންގެ މެދުގައި ޖެހިފައިވާ ކުނި ފިލުވާލައި، އެއްގަލަކަށް އަރަން އެދިފައިވާ ކަމަށެވެ. އަދި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެންނަކީ އެއް އާއިލައެއް ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުޅި ދާއިރާ އަށް ލިބޭނެ ކުރިއެރުމެއް ކަމަށް ސަލްމާން ބުނެފައިވެ އެވެ. އެހެންވެ ޑޮން 3 އާ ގުޅިގެން ކުރިމަތިލާން ޖެހުނު ކަންކަން ހަނދާން ނައްތާލައި، ކުރިއަށް ދާން ސަލްމާން އެދުނު ކަމަށް ވެސް ބުނެފައިވެ އެވެ.

ސަލްމާނަކީ ވަރަށް ކުރިއްސުރެ ފަރުހާންގެ ގާތް އެކުވެރިއެކެވެ.

ބައެއް މީޑިއާތަކުން ބުނީ ސަލްމާންގެ ނަސޭހަތް ފަރުހާނާއި ރަންވީރު ވެސް ގަބޫލުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ދެ މީހުންގެ މެދުގައި ޖެހިފައިވާ މައްސަލަ އަވަސް ހައްލެއް އަންނާނެކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.

ރަންވީރު ހިމަނައިގެން ފަރުކާން ޑޮން 3 އިއުލާންކުރީ 2023 ގެ މެދުތެރޭގަ އެވެ، އަދި ރަންވީރު ފިލްމު ދޫކޮށްލީ އޭގެ ޝޫޓިން ފަށަން ތިން މަހެއްހާ ދުވަހަށްވެފައި ވަނިކޮށް މި އަހަރުގެ ކުރީކޮޅު އެވެ. މި މައްސަލައާ ގުޅިގެން 45 ކްރޯޑް ރުޕީސް (4.7 މިލިއަން ޑޮލަރު) ގެ ގެއްލުމެއްވެފައިވާ ކަމަށް ބުނެ ފަރުހާންގެ ސްޓޫޑިއޯ، އެކްސެލް އެންޓަޓައިންމަންޓުން ވަނީ ރަންވީރުގެ މައްސަލަ މިދިޔަ ހަފުތާގެ ތެރޭގައި ފިލްމު ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އަށް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން އެތަނުން ނެރުނު ބަޔާނެއްގައި ވަނީ ރަންވީީރުގެ އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ޕްރޮފެޝަނަލް ކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އެހެންވެ ފެޑެރޭޝަންގައި ރަޖިސްޓްރީވެގެން ފިލްމީ މަސައްކަތްކުރާ އެއްވެސް ބަޔަކު ރަންވީރުގެ މަސައްކަތްތަކެއް ހިއްސާ ނުވާން ގޮވާލާފައިވެ އެވެ.

ފެޑެރޭޝަންގެ އެ ނިންމުމާ ގުޅިގެން ބައެއް މީހުން އަންނަނީ އެއީ ވަރަށް ބޭއިންސާފު ގޮވައިލުމެއް ކަމަށް ބުނެ، ރަންވީރުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.