ގޮތް ހުސްވެ، ކުރިއަށްދާނެ މަގެއް ނޭނގި ހަތަރުއަނގޮޅި ކަންމައްޗެއްގައި މަޑުޖެހިފައި ތިބުމަކީ ވަގުތު ބޭކާރުވުން ނޫން ދެވަނަ ކަމެއް ނޫނެވެ. އެއީ ގައުމަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫންމެއެވެ. ހިތުގައި ޝައްކާއި ވަސްވާސް އުފައްދައި، އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައިން ހުރުމަކީ އަމިއްލަ ނަފުސަށާއި، ޕާޓީއަށާއި މުޅި ގައުމަށްވެސް ލިބޭނެ ބޮޑު ދެރައެކެވެ. ނަމަވެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހޭލުންތެރި، ތަޖުރިބާކާރު އަދި ފުންކޮށް ވިސްނާ އާންމު މެންބަރުންނަށް މިއަދު ދާންވީ މިސްރާބު އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އެ މެންބަރުންގެ ޢަޒުމް ސާބިތުވެފައި ވަރުގަދަ އެވެ.
ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގަމުން އަންނަތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި އަދި ހަގީގީ ހެޔޮ ވެރިކަމެއްގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. ފެނިގެންދިޔައީ ވެރިކަމުގެ ބާރުތައް ވަކި މީހެއްގެ މުށުތެރެއަށް ޖަމާވެ، ޖަވާބުދާރީކުރުވޭނެ ހަރުދަނާ ނިޒާމެއް ނެތި، ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔަ މަންޒަރެވެ. ރިޔާސީ ނިޒާމުގެ ހިތި ތަޖުރިބާ ދިވެހިން ވަނީ ކިތަންމެ ރަނގަޅަކަށްވެސް ކޮށްފައެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމީ ތަރައްގީއަށް ހުރަސްއަޅައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް ވެރިކަން ހިންގި ތަން ރައްޔިތުން ވަނީ ދެކެފައެވެ. މި ނިޒާމު އޮތް ގޮތުން، ވެރިކަމަށް އަންނަ ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންހާ ގޮތަކަށް ކަންކަން ނިންމުމުގެ ފުރުސަތު އޮތުމާއި، ދައުލަތުގެ ބާރުތައް ވަކިކުރެވިފައި އޮންނަ "ޗެކްސް އެންޑް ބެލެންސް" ގެ އުސޫލުތައް މުގުރާލުމަކީ ދަސްވެފައިވާ އާދައެކެވެ.
ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުވީފަހުން ފާއިތުވި 18 އަހަރަށް ނަޒަރު ހިންގާއިރު، ވެރިކަން ހިންގުމުގެ ނިޒާމަށް ހަގީގީ ބަދަލެއް އައިސްފައި ނުވާކަމީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ޕާޓީތަކާއި ވެރިން ބަދަލުވި ނަމަވެސް، ވެރިކަން ކުރުމުގެ ބޯދާ ސަގާފަތަށް އިތުރު ބަދަލުތަކެއް ނާދެއެވެ. ތަފާތު ޝިއާރުތަކާއި ނަންނަމުގައި ސަރުކާރުތައް އައިސް ގޮސް ވީނަމަވެސް، އާންމު ރައްޔިތުންގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ނާދެއެވެ. ރައްޔިތުންގެ ފަގީރުކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ނުލިބުނެވެ. ތައުލީމާއި ސިއްހީ ހިދުމަތްތަކުގައި އޮތް ތަފާތުކުރުންތައް ނައްތައެއް ނުލެވުނެވެ.
ދައުލަތުގެ ވަސީލަތްތަކާއި ޚަޒާނާ ބޭނުންކުރެވެމުން ދިޔައީ ވެރިކަމާއި ގާތް ގުޅުން އޮންނަ ވަކި ބަޔަކަށް ފައިދާވާ ގޮތަށެވެ. ހިތާމައަކީ، ޑިމޮކްރެސީގެ ނަމުގައި ފެށި ދަތުރުގެ މަންޒިލަކަށްވީ، ހަގީގީ އިސްލާހީ ބަދަލުތަކެއްގެ ބަދަލުގައި އަނެއްކާވެސް ކުރީގެ ހުދުމުޚުތާރު ވެރިކަމުގެ އުސޫލުތަކަށް ރުޖޫއަވުމެވެ.
ރައީސް މުޙައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ މުހިންމު ބަސްފުޅެއް އޮވެއެވެ. އެމަނިކުފާނު ވިދާޅުވަނީ: "ގައުމެއްގެ ހަޔާތުގައި، އެ ގައުމުގެ މިސްރާބު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކޮށްލާނެ ތާރީޚީ ހިނދުކޮޅުތަކެއް އަންނާނެއެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަނެއްކާވެސް މިވަނީ އެފަދަ ހިނދުކޮޅެއްގެ ތުންފަތްމަތީގައެވެ."
މިއީ ހަމައެކަނި ސިޔާސީ މައިދާނެއްގައި އިއްވާލި ސިޔާސީ ބަސްތަކެއް ނޫނެވެ. މިއީ ދިވެހި ތާރީޚާއި، ރައްޔިތުންގެ އިހުސާސްތަކާއި، ގައުމުގެ ހާލަތު އެންމެ ފުންމިނަށް ދެނެވަޑައިގެން ހުންނެވި ތަޖުރިބާކާރު ލީޑަރެއްގެ އިޚުލާޞްތެރި ޝުޢޫރުތަކެވެ. ރާއްޖެ މިއަދު ބޮޑު ބަދަލަކަށް އަމާޒުވެފައިވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ، ރައްޔިތުންގެ ހިތްތަކުގައި އުތުރިއަރަމުންދާ ކެތްތެރިކަން ކުޑަވެފައިވާ އިހުސާސްތަކެވެ. ކޮންމެ ރަށެއްގެ ގޭބިސީތަކާއި، ސައިހޮޓާ ތަކުންނާއި، ދިވެހިންގެ ޖޯލިފަތިތަކުގެ މަޝްވަރާތަކުން އިވެމުންދަނީ ބަދަލެއް ބޭނުންވާ އަޑެވެ. މިއީ ހެޔޮ ބަދަލަކަށް އެދި ދިވެހި ރައްޔިތުން ކުރަމުންދާ އުންމީދީ ދުއާތަކެވެ.
ތާރީޚު ހެކިދޭ ގޮތުގައި، ގައުމެއްގެ ތަގުދީރު ބަދަލުކޮށްލާނެ ފަދަ ރަން ފުރުސަތުތަކަކީ ކޮންމެ ދުވަހަކު ލިބޭނެ އެއްޗެއް ނޫނެވެ. މިފަދަ ނާދިރު ދަނޑިވަޅުތަކުގެ ބޭނުން ހިފައިފި ނަމަ، ގައުމު ފާގަތިކަމާއި ކުރިއެރުމުގެ މަގަށް މިސްރާބު ޖަހާނެއެވެ. ނަމަވެސް، މިފަދަ ފުރުސަތެއް ދޫކޮށްލައިފި ނަމަ، އޭގެ ހިތާމަ އާއި ހިތްދަތިކަން ދިގު މުއްދަތަކަށް ތަހައްމަލު ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެ މިއަދު މިވަނީ އެފަދަ ނާޒުކު، ތާރީޚީ ނިންމުމެއްގެ ކުރިމަތީގައެވެ. މި ހިނދުގައި ފިޔަވަޅު ފަހަތަށް އަޅައިފި ނަމަ، ދެން މިފަދަ ފުރުސަތެއް ލިބުމަށް އެތައް ޒަމާނަކަށް އިންތިޒާރު ކުރަން ޖެހިދާނެއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ޓީމާއެކު، ހަގީގީ އިސްލާހީ ބަދަލެއް ގެނައުމުގެ ދޮރު މިއަދު ވަނީ ހުޅުވިފައެވެ. ރިޔާސީ ނިޒާމުގެ ނިވަލުގައި ތިބެ، ރައްޔިތުންނަށް ޖަވާބުދާރީވުމެއް ނެތި ބާރުތައް މުށުތެރެއަށް ލައިގެން ވެރިކަންކުރާ އުސޫލުތައް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. ރައްޔިތުންގެ ބާރު ހަގީގީ މާނައިގައި ރައްޔިތުންނަށް ލިބިދޭ، ޖަވާބުދާރީކުރުވޭ، ހެޔޮވެރިކަމެއްގެ ބިންގާ އެޅުމުގެ ވަގުތަކީ މިއީ ކަމުގައި އިސްލާހަށް ލޯބިކުރާ އެންމެން ދެކެއެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން، ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ ފަރާތުން މިއަދު އިވެމުންދަނީ ހެޔޮ ބަދަލަކަށް ގޮވާލާ އަޑެވެ. ރައްޔިތުން އެދެނީ ހަގީގީ ތަރައްގީއަށެވެ. ހަމަހަމަ ފުރުސަތުތަކަށެވެ. އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލަކަށެވެ. ބޭނުންވަނީ އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުން ދުރުވެ، ރައްޔިތުންގެ ޚިދުމަތުގައި ތެދުވެރިކަމާއެކު ދެމިތިބޭނެ ލީޑަރޝިޕެކެވެ. ތާރީޚުން ފެންނަން އޮތް ހަގީގަތަކީ، ހަގީގީ ބަދަލެއް ގެނެވެނީ ރައްޔިތުން ސާބިތުކަމާއެކު ތެދުވެ، ބަދަލަކަށް ވޯޓު ދޭ ދުވަހަކުންނެވެ. އަމިއްލަ ހައްގުތައް ހޯދުމަށް ރައްޔިތުންގެ ބާރުގެ ބޭނުންކޮށް، ކޮންމެ މީހަކުވެސް އެމީހެއްގެ ހާލަތާއި ފަންތިއަށް ބެލުމެއް ނެތި ހެޔޮ ބަދަލަކަށް އިސްކަންދޭ ދުވަހަކުންނެވެ.
މި ވަގުތަކީ ފަސްޖެހުމެއް ނެތި، ހަރުދަނާ ނިންމުންތަކެއް ނިންމަންވީ ވަގުތެވެ. ޚާއްޞަގޮތެއްގައި، ސިޔާސީގޮތުން ހޭލުންތެރި، ތަޖުރިބާކާރު އެމް.ޑީ.ޕީގެ މެންބަރުންނަށް މިއަދު މިސްރާބު ހިފަންވީ ދިމާ ވަރަށް ބޮޑަށް ސާފުވެ އެނގެން އެބައޮތެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ތަޖުރިބާތަކުން ލިބިފައިވާ އިބުރަތްތަކަކީ، މިއަދުގެ މި ނިންމުން ނިންމުމުގައި އަލިކޮށްދޭ އެންމެ ވަރުގަދަ ދަންމަރެވެ.
ރާއްޖެއަށް ހަގީގީ ޑިމޮކްރަޓިކް އިސްލާހީ ބަދަލުތަކެއް ގެނެސްދީ، ގައުމުގެ ހާލަތު މިހާރައްވުރެ ރަނގަޅުކުރުމަށްޓަކައި، ރައީސް މުޙައްމަދު ނަޝީދުގެ ޓީމާއެކު ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. ގައުމުގެ ކުރިމަގާއި އަންނަން އޮތް ޖީލުގެ ސަލާމަތާއި ހައްގުގައި، މި ލިބިފައިވާ ތާރީޚީ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވާށެވެ.
ތެދުވާށެވެ! ނިކުންނަވާށެވެ! ބަދަލު ގެންނަވާށެވެ!
ރާއްޖެ ހެޔޮވެރިކަމެއްގެ ހިޔަލުގައި، ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ކޮންމެ ދިވެހި ރައްޔިތެއްގެ އެއްބާރުލުން ބޭނުންވެއެވެ. ކޮންމެ ވޯޓަކީ މުހިންމު ވޯޓެކެވެ. ކޮންމެ ހިތެއްގެ އަޒުމާއި، ކޮންމެ އަތެއްގެ ހިއްސާ މިއަދު ގައުމަށް ބޭނުންވެއެވެ. ގައުމުގެ މުސްތަގުބަލް ބިނާކުރެވޭނީ ރައްޔިތުންގެ ހިތްވަރާއި، ގައުމަށްޓަކައި ކުރާ އިޚުލާޞްތެރި މަސައްކަތުންނެވެ. ހެޔޮ ބަދަލަކަށް ތިޔަ ހިތްތަކުގައިވާ ލޯބި، އަމަލީ ސިފައިގައި ދައްކަވާށެވެ. ރައީސް ނަޝީދުގެ ޓީމާއެކު ރާއްޖެ ބަދަލުކުރުމުގެ މި ތާރީޚީ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާށެވެ.
ރާއްޖެއަކީ ހެޔޮވެރިކަމެއް ކުރެވޭ، ކާމިޔާބު، ފާގަތި އަދި ތަހުޒީބު ގައުމަކަށް ވުމަކީ ކޮންމެ ދިވެއްސެއްގެވެސް އުންމީދެވެ. އެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް، ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާށެވެ.
ގައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި، ކުރިއަށް!