އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރު ހިމަނައިގެން ޑޮލަރުގެ 250 ގެ ހަނދާނީ ނޫޓް ނެރެން އެ ގައުމުގެ ބިއުރޯ އޮފް އެންގްރޭވިން އެންޑް ޕްރިންޓިން އިން ހުށަހަޅައިފި އެވެ.
އަދި މިކަން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވެސް އިއްޔެ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެތަނުން ބުނީ އެ ނޫޓް ނެރެން ނިންމާފައި ވަނީ އެމެރިކާ އަށް 250 އަހަރު ފުރުން ފާހަގަ ކުރުމާ ގުޅުވައިގެން ކަމަށެވެ.
އެގޮތުން މިކަން ކުރުމަށްޓަކައި ގާނޫނާއި ގަވައިދުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރަމަމުން އަންނަ ކަމަށް ޓްރެޝަރީ ޑިޕާޓްމަންޓުން ބުންޏެވެ. އެހެންވެ އެކަން މިހާރު އޮތީ ގާނޫނު ހަދާ މަޖިލިސް، ކޮންގްރެސް އަށް ވެސް ހުށަހަޅައިފަ އެވެ. އެތަނުން މިކަމަށް ރުހުން ލިބިއްޖެ ނަމަ ޓްރަމްޕްގެ ތަސްވީރު ހިމަނައިގެން ޑޮލަރުގެ 250 ގެ ނޫޓް ޗާޕް ކުރާނެ ކަމަށް ޓްރެޝަރީ ޑިޕާޓްމަންޓުން ބުންޏެވެ.
އެ ނޫޓްގެ ޗާޕަށް ރުހުން ހޯދަން މަގުފަހި ކުރުމުގެ ގޮތުން ވެރިކަން ކުރާ ޕާޓީ، ރިޕަބްލިކަންގެ ފަރާތުން މިހާރު އޮތީ ފައިސާއާ ބެހޭ ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅައިފަ އެވެ. އެ އިސްލާހު ހުށަހެޅުއްވީ ސައުތު ކެރޮލައިނާގެ މެންބަރު ޖޯ ވިލްސަނެވެ.