Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ރާއްޖެ ބަދަލު ކުރާނީ އެމްޑީޕީން: ނަޝީދު

ރާއްޖެ ބަދަލުކުރާނީ އެމްޑީޕީން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު އޮންނަ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ކ. މާފުއްޓަށް ވަޑައިގެން ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ކައުންސިލްތަކާއެކު މަސައްކަތްކޮށް ކައުންސިލްތަކުގެ ތަަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކާ އެކުލަވާލަންޖެހޭ ޕްރޮޖެކްޓުތަކާއި އަދި ޕްރޮޖެކްޓުތައް ވިޔަފާރީގެ ގޮތުން ދެކޮޅު ޖެއްސުމަށްޓަކާ ދައުލަތުން ކުރަންޖެހޭ ހޭދައެއްކޮށް، މިހާރު ލިބިފައިވާ ތަނަވަސްކަމުގެ މައްޗަށް ބިނާކުރުން އެއީ އެމްޑީޕީގެ އަބަދުވެސް އަމާޒެއް ކަމަށެވެ.

"މި ދިވެހިރާއްޖެ ބަދަލުކުރި މުއައްސަސާ އަކީ އެމްޑީޕީ. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންގެ ރާއްޖެ ބަދަލުކުރާނީ އެމްޑީޕީން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީއާއެކު ލިބިފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން، ވިޔަފާރީގެ އިތުރު ފުރުސަތުތައް މާފުށިން ފެންނަން އެބަހުރި ކަމަށާއި އާ ގާނޫނު އަސާސީއާއެކު ދިމާވި ކަންބޮޑުވުމަކީ ދައުލަތުގެ ދަރަނި ކަމަށެވެ. އެގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ދަރަނި އަދާކުރުމުގެ މަސައްކަތް، އެ ބުއްދި އެ ވިސްނުން އެއީ އަނެއްކާވެސް އެމްޑީޕީއަށް ނެރެވޭނެ ބުއްދިއެއް، ނެރެވޭނެ ވިސްނުމެއް. މިއަދު ޑރ. މުއިއްޒަކަށް އެކަމެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ރާއްޖޭގެ ދަރަނި އަދާކުރުމާއި އަދި ރައްޔިތުންނަށް ކަންބޮޑުވާ އެހެން ކަންކަން ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވާތަން ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.