މިހާރު އިންޑިއާއަށް ފުރުމުގެ ކުރިން ދިވެހީން ހިމެނޭ ގޮތަށް، އެންމެން ވެސް ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅާން ޖެހޭގޮތަށް އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފި އެވެ.
މިލަމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ، އިންޑިއާ ސަރުކާރުގެ އެ އެންގުމާ އެއްގޮތަށް، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ދިވެހީން ވެސް އެސްޑީއެފް ފުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން އެ ފިޔަވަޅު އަޅައިފައި ވަނީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ އެބޯލާ އަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާންމު ސިއްޙަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމުން ކަމަށެވެ.
އެހެންވެ އެ ގައުމަށް ދަތުރުކުރުމުގެ ކުރިން އެ ފޯމު ފުރިހަމަ ކުރުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާއަށް ދަތުރުކުރުމަ ށްފަހު އިންޑިއާގެ ހެލްތް އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހަޅަން ވާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
މީގެ ބޭނުމަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، ފަސިންޖަރުންގެ ފަރާތުން މައުލޫމާތު ހޯދުމުގެ އިތުރުން އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.
އެހެންވެ އިންޑިއާއަށް ދަތުރުކުރާ އެންމެން ވެސް އެ ފޯމު ފުރަން ޖެހޭނެ އެވެ.