Last Updated: June 12, 11:16
Friday, June 12, 2026
މުނިފޫހިފިލުވުން

"އޭބީސީޑީ" ގެ ސީކްއެލްގެ ހިޔާލު މާ ކުރީގައި

މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާގެ ތިން ވަނަ ޑައިރެކްޝަން ކަމަށްވާ "އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ)" އަދި ބެލުންތެރިންނާ ހަމައަށް ނައި ނަމަވެސް، އެ ފިލްމްގެ ސީކްއެލްއެއް ހެދުމުގެ ހިޔާލު ސިކުނޑި ތެެރޭގައި ވަރަށް ބޮޑަށް އެނބުރެމުން އަންނަ ކަމަށް ރެމޯ ބުނެފި އެވެ.

"އޭބީސީޑީ" ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ އިރު، ފިލްމްގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ފޯރިއާ އެކު މިހާރު އަންނަނީ ކުރަމުންނެވެ. މި ފިލްމަކީ އިންޑިއާގައި ތައްޔާރު ކުރެވުނު ފުރަތަމަ ޑާންސް 3ޑީ ފިލްމެވެ.

"އޭބީސީޑީ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ އިންޑިއާގެ މައިކަލް ޖެކްސަންގެ ނަމުން މަޝްހޫރުވެފައިވާ ކޮރިއޯގްރާފްރު އަދި ޑައިރެކްޓަރު ޕްރަބޫދޭވާގެ އިތުރުން ރެމޯ ޖަޖްކަން ކުރި ޒީޓީވީގެ ޑާންސް ޝީ "ޑާންސް އިންޑިއާ ޑާންސް" އެކި ސީޒަންތަކުން ފާހަގަކޮށްލެވުނު ނެށުންތެރިންނެވެ. މީގެ އިތުރުން ބޮލީވުޑްގެ ނަން މަޝްހޫރު ކޮރިއަގްރާފަރުންގެ ތެރޭގައި ހިމެނޭ ގަނޭޝް އަޗަރިއާ އަދި ސަރޯޖް ހާން ފަދަ ފަންނާނުން ވެސް "އޭބީސީޑީ" އިން ފެނިގެން ދާނެ އެވެ.

"އަހަރެން މިހާރު އިންތީޒާރު ކުރަމުން މި އަންނަނީ މި ފިލްމް ރިލީޒް ކުރާ ދުވަހަކަށް. ފިލްމަށް ލިބޭ ތަރުހީބަށް ބަލާފައި ހަމަ ޔަގީނުން ވެސް މި ފިލްމްގެ ސީކްއެލްއެއް ހަދާނަން. އަދި އެ ފިލްމްގައި ޔަގީނުން ވެސް ޕްރަބޫދޭވާ އުޅޭނެ،" 38 އަހަރުގެ ރެމޯ ބުންޏެވެ. "ވަރަށް ބޮޑަށް ގަބޫލް ކުރެވޭ އޭބީސީޑީ ބެލުންތެރިން ބަލައި ގަންނާނެ ކަމަށް. ތަފާތު ކޮންސެޕްޓްތަކުގެ ފިލްމްތަކަށް ބެލުންތެރިން މިހާރު ވަރަށް ބޮޑަށް ބަަލައި ގަނޭ."

ރެމޯ ބުނީ އޭނާގެ ފިލްމުން ބެލުންތެރިންނަށް ތަފާތު 50 ވައްތަރެެއްގެ ނެށުމުގެ ހުނަރު ވަރަށް ފުރިހަމަ އަށް ފެނިގެން ދާނެ ކަމަށެވެ. ޔޫޓީވީން ޕްރޮޑިއުސްކޮށްފައިވާ "އޭބީސީޑީ" ގެ ޓްރެއިލާތަކާއި ލަވަތައް މިހާރު އަންނަނީ އިންޑިއާގެ ޗެނަލްތަކުން ދައްކަމުންނެވެ.