Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ސްކައުޓް ހަރަކާތަކީ ފަހުރުވެރި ހިދުމަތެއް؛ ރައީސް

ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގްރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ފަހުވެރި ބާރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ދިޔަ 70 އަހަރުގެ ތެރޭގައި އެ ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް މަރްޙަބާ އާއި ޝުކުރާއި ސާބަސް ދަންނަވައިފި އެވެ.

ރައީސް ވިދާޅުވީ ޤައުމު ގޮވައިލާ ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީ އާއި، މުޤާބިލުގައި އެއްވެސް އުޖޫރައެއް ބަދަލެއް ހޯދުމެއް ނެތި ދަރުމައަށް ކޮށް ދެމުންދާ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ، ޤައުމު ފަޚުރުވެރިވާ ޚިދުމަތެއް ކަމަަށް ވެސް ވިދާޅުވބި އެވެ.

"މިއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެ ބޮޑު ވޮލަންޓްރީ ހަރަކާތް ވެސް މެ،" ރައީސް ވިދާޅުވި އެވެ، "ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ސްކައުޓް ހަރަކާތުންވަނީ އުނގަންނައި ދީފައި. ހަރުދަނާ ދަރިންތަކެއް ޤައުމަށް ވަނީ ބިނާކޮށް ދީފައި. ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާ އޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށް ވެސް ސްކައުޓް ވަނީ ވެފައި."

ރައީސް ވިދާޅުވީ ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކާއި އަންނަމުންދާ ތަރައްޤީއާ އެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް ސްކައުޓުން އިތުރުކޮށް، ޤައުމީ ޚިދުމަތުގައިދޭ ބައިވެރިވުން ބޮޑުކުރަމުން ދާން ޖެހޭބެ ކަމަށެވެ.

"ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބަށް އެދެން. ކުރިއަށް ދިވެހި ޤައުމު. ކުރިއަށް ދިވެހި ސްކައުޓުން." ރައީސް ވިދާޅުވި އެވެ.