Last Updated: July 22, 12:00
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސޮނާކްޝީގެ އެޕާޓްމަންޓެއް ކުވައިތު ކޮންސިއުލޭޓަށް ދީފި

އިންޑިއާގެ ބަތަލާ ސޮނާކްޝީ ސިންހާގެ ލަގްޒަރީ އެޕާޓްމަންޓެއް، އިންޑިއާގައި ހުންނަ ކުވައިތުގެ ކޮންސިއުލޭޓަށް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފި އެވެ.

މީޑިއާތަކުން ބުނީ މުމްބާއީގެ ވެސްޓް ބަންޑްރާގައި 81 އޮރޭޓް ކިޔާ ރެސިޑެންޝަލް އިމާރާތެއްގެ 28 ވަނަ ބުރީގައި ހުރި އެ އެޕާޓްމަންޓް ކުއްޔަށް ދިނީ މި މަހުގެ 25 އިން ފެށިގެން އަންނަ އަހަރުގެ ޖޫން 25 އާ ހަމައަށް ކަމަށެވެ. އެޕާޓްމަންޓްގެ މަހު ކުއްޔަކީ މަހަކު 16 ލައްކަ ރުޕީސް (16،772 ޑޮލަރު) އެވެ.

ސޮނާކްޝީ ކުއްޔަށް ދިން އެޕާޓްގައި ދިރިއުޅުއްވާނީ އިންޑިއާގައި ހުންނަވާ ކުވައިތުގެ ކޮންސިއުލޭޓް ޖެނެރަލް އިމާދު އަބްދުލް އަޒީޒް އަލްހަރާޒާއި އޭނަގެ އާއިލާ އެވެ.

ކުވައިތުގެ އިންޑިއާ ކޮންސިއުލޭޓް ހިންގަމުން އަންނަނީ ދެކުނު މުމްބާއީގެ ކޭސީ ކޮލެޖް ކައިރީގައި ހުންނަ އިމާރާތެއްގަ އެވެ.

ސޮނާކްޝީ އާއި އޭނަގެ ފިރިމީހާ ޒަހީރު އިގްބާލު މިހާރު ދިރިއުޅެމުން އަންނަނީ މުމްބާއީގެ އެހެން ލަގްޒަރީ އެޕާޓްމަންޓެއްގަ އެވެ. ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅެވެ.