އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ މަޝްހޫރު ޖޯން އެފް ކެނެޑީ ސެންޓަރުގެ ނަމުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން އުނިކުރަން އެމެރިކާގެ ކޯޓަކުން އަމުރުކޮށްފ އެވެ.
އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލައާ ގުޅިގެން އިއްޔެ ނެރުނު އަމުރުގައި ވަނީ ،ކުރިއަށް އަށް 14 ދުވަހުގެ ތެރޭގައި އިމާރާތުގެ ނަން ބޯޑްތަކުންނާއި ތަނުގެ ހުރިހާ ލިޔެކުުންތަކަކުން ވެސް ޓްރަމްޕްގެ ނަން އުނިކުރަން އަމުރުކޮށްފަ އެވެ.
ކެނެޑީ ސެންޓަރު ރީބްރޭންޑް ކުރަން ޓްރަމްޕްގެ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން އޭނަގެ ނަން އެތަނަށް އިތުރުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
އެގޮތުން އެތަނަށް މިހާރު ދީފައި އޮތް ނަމަކީ 'ދަ ޑޮނަލްޑް ޓްރަމްޕް އެންޑް ޖޯން އެފް ކެނެޑީ މެމޯރިއަލް ސެންޓާ ފޯ ޕަފޯމިން އާޓްސް' އެވެ. ކުރިން އެތަނުގެ ނަމަކީ 'ޖޯން އެފް ކެނެޑީ ސެންޓާ ފޯ ޕާފޯމިން އާޓްސް' އެވެ.
އެތަނުގެ ނަމުން ޓްރަމްޕްގެ ނަން އުނި ކުރަން އަމުރުގެ އިތުރަށް ކޯޓުުން ވަނީ ސެންޓަރު ރިނޮވޭޝަނަށް އަންނަ ޖުލައި މަހު 4 އިން ފެށިގެން ދެ އަހަރު ދުވަހަށް ބަންދު ކުރަން ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުން ވެސް ބާތިލު ކަމަށް ކަނޑައަޅައިފަ އެވެ. ކޯޓުން ނެރުނު ނެރުނު އަމުރުގައި ކެނެޑީ ސެންޓަރާ ގުޅުން ހުރި އެއްވެސް ކަމެއް ކޮންގްރެސްގެ ބަހެއް ނެތި ނުނިންމޭނެ ބުނެފައިވެ އެވެ.
ކެނެޑީ ސެންޓަރު މަރާމާތަށް ދެ އަހަރަށް ބަންދު ކުރަން ނިންމިކަން ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ. އޭރު އޭނަ ވިދާޅުވީ ކެނެޑީ ސެންޓަރު ބަންދު ކުރަން ހަމަޖެހިފައި ވަނީ ޖުލައި 4 އިން ފެށިގެން ކަމަށާއި އެތަން މަރާމާތަށް ފަހު އަލުން ކުލަގަދަކޮށް ހުޅުވާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ކެނެޑީ ސެންޓަރު އެއްކޮށް ބަންދުކޮށްގެން މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ވީހާ ވެސް ފުރިހަމަކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ.
ކެނެޑީ ސެންޓަރުގެ މަރާމާތަށް 250 މިލިއަން ޑޮލަރު ހަމަޖައްސާފައިވެ އެވެ.
ކެނެޑީ ސެންޓަރަކީ އެމެރިކާގެ ރައީސްކަން 1961-1963 އަށް ކުރެއްވި ޖޯން އެފް ކެނެޑީގެ ހަނދާނުގައި ބިނާކޮށްފައިވާ ތަނެކެވެ. އެތަނުގެ މަސައްކަތް ޑިސެންބަރު 2، 1964 ގައި ފަށައި، ސެންޓަރު ރަސްމީކޮށް ހުޅުވީ ސެޕްޓެމްބަރު 8، 1971 ގަ އެވެ.
ކެނެޑީ ސެންޓަރު މަރާމާތަށް ޖުލައިގައި ބަންދު ކުރަން ނިންމުމާ ގުޅިގެން އެމަހުން ފަހުން އެތަނުގައި ބާއްވަން ރާވަމުން އައި އިވެންޓްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ކޯޓުން ކުރި އަމުރާ ގުޅިގެން ކެނެޑީ ސެންޓަރުން ބުނި އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.
ކޯޓްގެ އިއްޔެގެ އަމުރާ ގުޅިގެން ޓްރަމްޕް ވެސް ވަނީ އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ އޭނަ ނޫނީ އެމެރިކާގެ ކޯޓްތަކުގެ ބޭއިންސާފު ނިންމުންތަކާ ކުރިމަތިލާން ޖެހޭ ރައީސެއް ނެތް ކަމަށެވެ. އެކަމަކު އަބަދު ވެސް ކޮންމެ ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.