Last Updated: July 22, 12:00
Wednesday, July 22, 2026
ދުނިޔެ

ޓެމޫ އަށް ބޮޑު ޖޫރިމަނާއެއް

ޗައިނާގެ މަޝްހޫރު އޮންލައިން ފިހާރަ، ޓެމޫ ބޮޑު އަދަދުން ޖޫރިމަނާކޮށްފި އެވެ.

ރައްކާތެރި ނޫން ކުޅޭ ސާމާމާއި ފޯނު ޗާޖަރު ފަދަ ތަކެތި ގަވާއިދާ ހިލާފަށް ވިއްކަމުންދާ މައްސަލައިގައި ޔޫރަޕިއަން ޔުނިއަން އީޔޫ އިން ޓެމޫ، ޖޫރިމަނާކުރީ 200 މިލިއަން ޔޫރޯ (232 މިލިއަން ޑޮލަރު) އިންނެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ ޓެމޫ ޖޫރިމަނާކުރީ އެތަނުން ވިއްކާ ބައެއް ތަކެތީގެ މައްސަލަތައް އުޅޭކަން ފާހަގަކުރެވި އެކަންކަން ރަނގަޅު ކުރަން އެންގި ނަމަވެސް އިސްލާހުކޮށްފައި ނުވާތީ ކަމަށެވެ. އެހެންވެ ޓެމޫގެ މައްސަލަ 2024 ގެ އޮކްޓޯބަރުން ފެށިގެން ތަހުގީގު ކުރަމުން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އެހެންވެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރަށް ޓެމޫ އަށް ވަނީ މައްސަލަތައް ހައްލު ކުރާނެ ގޮތެއް ޕްލޭނެއް ހުށަހެޅުމަށް ވެސް އަންގައިފަ އެވެ. އެ ޕްލޭން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ހުށަހަޅަން ވެސް އީޔޫ ކޮމިޝަމުން އަންގާފައިވެ އެވެ.

ޖޫރިމަނާއާ ގުޅިގެން ޓެމޫ އިން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ އެ ތަނުން ވިއްކާ ތަކެތީގެ މިހާރުގެ ހާލަތު ނުބަލައި ކަމަށާއި ކުރި ޖޫރިމަނާ ވެސް އންތިހާ އަށް ބޮޑު ކަމަށެވެ. އެހެންވެ އެކަން ބަލައި ނުގަންނަ ކަމަށާއި މިކަމާ ގުޅޭ ގޮތުން ދެން ކުރިއަށް ދާނެ ގޮތެއް ވަރަށް ވިސްނުންތެރިކަމާ އެކު މިހާރު ބަލަމުން އަންނަ ކަމަށް ޓެމޫ އިން ބުންޏެވެ.