Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހިތަދޫ އުތުރު ދާއިރާއަށް އާ ދިރުމެއް ލިބިއްޖެ: ސިނާ

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް އާ ދިރުމެއް މިހާރު ލިބިގެން ގޮސްފައިވާ ކަމަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ވޭތުވެދިޔަ ވިއްސަކަށް އަހަރެއްހާ ދުވަހު އަޅާނުލެވި، ތަރައްގީގެ ދުވެލި ހުއްޓިފައި އޮތް ހިތަދޫ އުތުރު ދާއިރާއަށް މިއަދު ވަނީ އާ ރޫހަކާއި ދިރުމެއް ލިބިފައި ކަމަށެވެ. އެގޮތުން ދާއިރާގެ ޒުވާނުން ބޭނުންވާ މުހިންމު ކަންކަން ހަގީގަތަކަށް ވަމުންދާ ދިއުމަކީ، ކޮންމެ ރައްޔިތަކުވެސް ނުހަނު އުފަލާއެކު ބަލައިގަންނަ ކަންކަން ކަމަށް ސިނާން ވިދާޅުވި އެވެ.

ޚާއްޞަކޮށް، ހިތަދޫ އުތުރު ދާއިރާގެ ޒުވާނުން މި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، މާޒީގައި މި މަސައްކަތް ކުރިއަށް ގޮސްފައިވަނީ ނުހަނު ލަސް ދުވެއްޔެއްގައި ކަމަށާއި އެގޮތުން ވަށާފާރު ރާނައި ނިންމުމަށްފަހު، ދާޖެހުން ފަދަ ކުދި މަސައްކަތްތަކާ ދެމެދުވެސް އެތައް އަހަރެއް ބޭކާރުވެގެން ދިޔަ ކަމަށް ސިނާން ވިދާޅުވި އެވެ.

"ނަމަވެސް، ސަރުކާރު ކެންޑިޑޭޓަކު ހުރުމުން މަސައްކަތްތައް އަވަސްވެ، ދިމާވާ ގޮންޖެހުންތަކަށް ހައްލުލިބިގެންދާކަން މިއަދު މިވަނީ ސާބިތުވެފައި. މިއީ ސަރުކާރާ ގުޅިގެން، އެއް މިސްރާބަކަށް ކުރެވުނު އިޚުލާޞްތެރި މަސައްކަތުގެ ފޮނި ނަތީޖާ،" ސިނާން ވިދާޅުވި އެވެ.

އަންނަ މަހުގެ 6 ގައި ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ.