Last Updated: July 22, 10:17
Wednesday, July 22, 2026
ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު އިސްތިއުފާ ދީފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. ދިއްގަރު ދާއިރާގެ މެމްބަރު މަޖިީހުގެ ނައިބު ރައީސްކަމުން ވަކިކުރުމުގެ މައްސަލަ. މަޖިލީހުގެ ސުޕަ މެޖޯރިޓި އޮތް ޕީއެންސީން ހުށަހެޅީ މި މަހުގެ 14 ގަ އެވެ.

އެގޮތުން ނާޒިމު ވަކިކުރަން ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އެ ގަރާރުގައި ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅަބް ނިންމީ އެ މަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާތީ ކަމަށެވެ. އަދި މަޖިލީހުގެ އެންެމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ނާޒިމު ޖެހިފައިވާކަން ސާފުވާން އެނގެން އޮތް ކަމަށާއި އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮ ށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާކަން ސާފުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށް ޕީއެންސީން ބުންޏެވެ.

ނާޒިމް މިއަދު ނެރުއްވި ބަޔާނެއްގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ އެ ތުހުމަތުތައް ސާބިތުކޮށް ދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ވިޔަސް އޭނާ ކޮށްފައިވާ ނުވަތަ ނުކުރާ ކަމަކާ ގުޅިގެން އެއްވެސް މެމްބަރަކު ނުވަތަ އެހެން ވެސް ފަރާތަކުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެ ކަމުގެ ޝަކުވާއެއް ވެސް އުފުލާފައި ނުވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ ރައީސަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.