މިދިޔަ މަހުގެ ތެރޭގައި އިއުލާންކުރި ސަންޖޭ ދަތުގެ ފިލްމު 'ކަލް ނަޔަަކް ރިޓާންސް' ޑައިރެކްޓްކޮށް ދޭން ރާޖްކުމާރު ސަންތޯޝީ އަށް ހުށަހެޅުމުން އޭނަ އެކަން ގަބޫލުނުކުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ސަންޖޭގެ އެ ހުށަހެޅުން ކުޅަދާނަ ޑައިރެކްޓަރު ގަބޫލު ނުކުރީ މިހާރު އެހެން ފިލްމެއްގެ މަސައްކަތުގައި ބިޒީކޮށް އުޅެން ޖެހިފައިވާތީ ކަމަށެވެ. އެ ފިލްމަކީ މި އަހަރުގެ އޮގަސްޓް 13 އަށް ތާވަލުކޮށްފައި އޮތް ސަނީ ޑިއޯލްގެ 'ލާހޯރް، 1947' އެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައ އޮތް މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
'ކަލް ނަޔަކް ރިޓާންސް' އަކީ ޑައިރެކްޓަރު ސުބާޝް ގާއީ 1993 ގައި ގެނެސްދިން 'ކަލް ނަޔަކް' ގެ ސީކްއެލް އެވެ. މީގެ ދެވަނަ ބައި ހަދަން ރައިޓްސް ހޯދައި ސަންޖޭ 'ކަލް ނަޔަކް ރިޓާންސް' އިއުލާންކުރީ މިދިޔަ މަހުގެ 24 ގަ އެވެ.
އެ ފިލްމު ޑައިރެކްޓްކޮށް ދެވެން ނެތް ކަމަށް ސަންތޯޝީ ބުނެފައިވާ އިރު، ސަންޖޭ މިހާރު އަންނަނީ ފިލްމު ޑައިރެކްޓްކޮށް ދޭން އެހެން މީހަކު ހޯދަން އަތްފުނާ އަޅަމުންނެވެ.
އޭނަ ވިލަންއެއްގެ ރޯލު ކުޅުނު 'ކަލް ނަޔަކް' އަކީ ކާސްޓްގައި ޖެކީ ޝްރޮފާއި މަދޫރީ ޑިކްސިޓް ވެސް ހިމެނޭ ފިލްމެކެވެ. އެކަމަކު ކަލް ނަޔަކް ރިޓާންސްގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.