Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ސޯބެ އަކީ ހިންގުންތެރި ބޭފުޅެއް، ހޮވައިދީ: ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީފެ ފަރާތުން ވާދަކުރައްވާ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަކީ ވަރަށް ހިންގުންތެރި ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން އަންނަ މަހު ބާއްވާ ބައި-އިލެކްޝަނަށް ސޯބެ ކުރިއަށް ގެންދަވާ ކެމްޕޭންގެ ތެރެއިން އިއްޔެގެ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެން ފައިސަލް ވިދާޅުވީ ‏ސޯބެ އަކީ ހިންގުންތެރި ދާއިރާގެ ރައްޔިތުންނާ ގުޅޭ ބޭފުޅެއް ކަމަށެވެ.

އެހެންވެ ދާއިރާގެ ރައްޔިތުން ނުކުމެ ސޯބެ އަށް ވޯޓް ދެއްވުމަށް ފައިސަލް އެދިވަޑައިގަތެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮޮންނާނީ އަންނަ މަހުގެ 6 ގަ އެވެ.

މި އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. އޭނަ އަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވައި ނާކާމިޔާބުމުގެ އިތުރަށް، ޕީއެންސީން އުތުރު ދާއިރާ އަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީން ވެސް ބަލިވެ ކެންޑިޑޭޓެވެ.

އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުނު މުހައްމަދު ސިނާނެވެ. ނަމަވެސް ޕީއެންސީން ވަނީ އޭނަގެ އަތުން ޓިކެޓް އަތުލައި، ސޮޑާ އަށް ދީފަ އެވެ.

ސޮޑާ އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އުތުރު ދާއިރާ އަށް ސިނާނާ ވާދަކުރެއްވި ބޭފުޅެކެވެ.