Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ދުންފަތާ ޒުވާނުން ދުރުކުރުމުގައި ސާބިތުވެ ތިބޭނަން: ރައީސް

ދުންފަތުގެ ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އާ ގުޅުވައިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވޭޕް ކުރުން މަނާ ކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރޭޝަނަލް ބޭން" ތަންފީޒު ކުރަން ފެށި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެވުމުގެ ޝަރަފާއެކު ދުޅަހެޔޮ ޖީލަކަށް ރާއްޖޭގެ މިސްރާބު ހުރި ކަމަށެވެ.

ރައީސް ވިދާޅުވީ އެކި ރަހަތަކުގައި ބާޒާރަށް ނެރޭ ނިކޮޓިން ޕައުޗްތަކާއި އާޓިފިޝަލް އިންޓެލިޖެންސް އޭއައި) ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާޞިލުވުމަށް މަސައްކަތް ކުރެވެމުންދާ އިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެ ކަމަށެވެ. އަދި ޒުވާން ޖީލު މިވަބާއިން ރައްކާތެރި ކުރުމުގައި މި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސިސޭޝަން ކްލިނިކްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި ޤާނޫނާއި ގަވާއިދުތައް އިސްލާޙު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އަދި އެންމެން ގުޅިގެން މި މަސައްކަތުގައު ދެމިބިތުމަށް ރައީސް އެދިވަޑައިގަތެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އަކީ ކޮންމެ އަހަރެއްގެ މެއި 31 ގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.