މޮރޮކޯގައި ބޭއްވި އިންޓަޕޯލް ސައިބަ ގޭމްސްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ އެވެ.
މި މަހުގެ 19-21 އަށް ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް/ސައިބަ ގޭމްސް" ޕްރޮގްރާމަކީ އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބަ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބޭއްވޭ ހަރަކާތެކެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުން ކުރުމާއި، ހެކި ބެލެހެއްޓުމާއި، ތުހުމަތު ކުރެވޭ މީހުންނާ ސުވާލު ކުރުމުގެ އުކުޅުތަކުގެ އިތުރުން، ޖިނާއީ ތަހުގީގުތަކުގައި ބައިނަލްއަގުވާމީ ގާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށެވެ.
އިންޓަޕޯލް ސައިބަ ގޭމްސް ފަދަ ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.
މީގެ ސަބަބުން ސައިބަ ކުށްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެން ދާނެ އެވެ.