ދިވެހިރާއްޖެ ދެވަނަ ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ރިޔާސީ ވެރިކަމުގެ ނިޒާމެއްގެ ތެރޭގައި ދިވެހިން ނޭވާލާން ފެށިތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް، ރައްޔިތުން އެދޭފަދަ ހަގީގީ މާނައިގެ ހެޔޮ ވެރިކަމެއް އަދިވެސް ލިބިފައެއް ނެތެވެ. ނިޒާމަށް އައިސްފައިވާ ބަދަލުތަކާއެކުވެސް، ދައުލަތުގެ އުފެއްދުންތެރިކަމުގެ ހުރިހާ ވަސީލަތްތަކާއި ބާރުތައް އަދިވެސް އޮތީ މަދު ބައެއްގެ އަތްދަށުގައެވެ. ވެރިކަމުގެ ބާރުގެ ތެރެއިންނާއި ނުފޫޒުގެ ތެރެއިން، ވެރިމީހާގެ ގާތް ރައްޓެހިންނާއި ތިމާގެ މީހުން ދަނީ ދައުލަތުގެ ހަރުމުދަލާއި ވަސީލަތްތައް ކޮންޓްރޯލް ކުރަމުންނެވެ.
މި ނިޒާމުގެ ތެރޭގައި އާންމު ރައްޔިތުން "މަޑުމައިތިރި" ކުރުވުމަށްޓަކައި ބޭނުންކުރާ ހަތިޔާރަކީ ދައުލަތުގެ އާދައިގެ ވަޒީފާތަކާއި ވެލްފެއާގެ ނިޒާމެވެ. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަކީ ވެރިންގެ ފަރާތުން ދޭ "އިނާޔަތްތަކެއް" ނުވަތަ "ދީލަތި އެހީތަކެއް"ގެ ގޮތުގައި ދެއްކުމަކީ، ރައްޔިތުން އަބަދުވެސް ވެރިމީހާގެ މައްޗަށް ބަރޯސާވެފައި ތިބުމަށް މަޖުބޫރުކުރުވާ ކަމެކެވެ. މީގެ ނަތީޖާއަކީ 1968 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް، ދިވެހި ގައުމަށް ހަގީގީ "ހެޔޮވެރިކަމެއް" ތަޖުރިބާކުރަން ނުލިބުމެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނެސް، ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ވަރުގަދަ ލީޑަރަކަށް ގައުމު ވަނީ އިންތިހާއަށް ބޭނުންވެފައެވެ. މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނާއި، މިހާރު ސިޔާސީ މައިދާނުގައި ތިއްބެވި ލީޑަރުންގެ ތެރެއިން، ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދެވޭނެ ފަދަ ތަޖުރިބާއާއި ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް މުޙައްމަދު ނަޝީދު (އަންނި) ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެމަނިކުފާނަކީ އިސްލާހީ މަސައްކަތުގެ ބާނީގެ ގޮތުގައި ބެލެވޭ ފަދައިން، ގައުމަށް ބޭނުންވާ ނިޒާމީ ބަދަލުތައް ގެނައުމުގެ ގާބިލުކަން ހުރި ސިޔާސީ ޝަހުސިއްޔަތަކީވެސް އެ މަނިކުފާނު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިއަދުގެ ސިޔާސީ މަސްރަހަށް ބަލާއިރު، މީކާއީލް ނަސީމަކީ ފާހަގަކޮށްލެވޭ ފަދަ އިލްމީ ގާބިލުކަން ހުރި ޒުވާނެކެވެ. އޭނާގެ ފިކުރާއި މަސައްކަތްތެރިކަމަށް އިހުތިރާމް ކުރަންޖެހެއެވެ. ނަމަވެސް، ގައުމުގެ އެންމެ މަތީ ލީޑާޝިޕަށް ނުކުމެ، މިފަދަ ބޮޑު އިސްލާހީ މަސައްކަތެއްގެ އިސް ސަފަށް ނުކުންނަން އޭނާގެ ވަގުތު ޖެހިއްޖެ ކަމަކަށް އަދި ގަބޫލު ނުކުރެވެއެވެ. މިވަގުތަކީ ވިސްނުންތެރިކަމާއެކު ފަހަތަށް ޖެހި، ރައީސް ނަޝީދުގެ ތަޖުރިބާކާރު ޓީމާ ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ.
މީކާއީލް ފަދަ ޒުވާން ލީޑަރުން ތަޖުރިބާކާރު ލީޑަރުންގެ ސަފުގައި ގައުމީ މަސައްކަތުގައި ބައިވެރިވެއްޖެނަމަ އެމީހުންގެ ސިޔާސީ މުސްތަގުބަލް އިތުރަށް އުޖާލާވާނެ އެވެ. މިއަދު ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރާއްޖެއަށް ބޭނުންވާ ހެޔޮވެރިކަމާއި ނިޒާމީ އިސްލާހުތައް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. އެހެން ނޫނީ ބައިގަރުނު ވެފައިވާ ރިޔާސީ ނިޒާމުގެ ކަސްތޮޅުތަމުން ރައްޔިތުނާއި ގައުމު ސަލާމަތް ނުކުރެވޭނެއެވެ. ހަގީގީ އަދި ދާއިމީ ބަދަލެއް ޙާޞިލުކުރެވޭނީ އެއްބައިވަންތަކަމާއި، ސިޔާސީގޮތުން ތަސައްރަފު ފުދުމާއި، އެއްބައިވަންތަ ޤައުމީ ތަޞައްވުރެއްގެ ތެރެއިންނެވެ.
ބައިބައިވުންތަކާއި، އަމިއްލަ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި، ހުރިހައި ލީޑަރުން ޒިންމާދާރުކަމާއެކު ޤައުމުގެ މުސްތަޤްބަލް އިސްކުރަންވީ ވަގުތު މިވަނީ އައިސްފައެވެ.