ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މިހާރު ޤައުމުގެ ކަންކަމާ ގުޅޭ ގޮތުން ވިސްނޭ، ތަނެއް ދޮރެއް އެނގޭ ފަދަ ޤާބިލު ބޭފުޅުން ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް އެ މަނިކުފާނުގެ ކެމްޕޭންގެ ތެރެއިން މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ދެވޭނެ ސަރުކާރެއް ވެސް ނޫން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒު އަރިހުގައި ތިބި ތަންދޮރު ރަނގަަޅަށް އެނގޭ ބޭފުޅުން މިހާރު ޕީއެންސީ ދޫކުރައްވައި ވަޑައިގެންފި ކަމަށެވެ. އަދި އެ ބޭފުޅުން މިހާރު ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމިނާ އެކީގައި ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށް ދޭން ހިންގަން ޖެހޭ ޕްރޮޖެކްޓްތަކަށް ވުރެ މި ސަރުކާރުގެ ވެރިންނަށް މުހިންމީ ޖީބަށް ވަންނަ ފައިސާ އިތުރުވުން ކަމަށެވެ.
އެގޮތުން ސަރުކާރުން އެކި ކަހަލަ ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާ ވާހަކަ ދެއްކި ނަމަވެސް، މިވަގުތު ރައްޔިތުންނަށް އެންމެ މުހިންމީ އެފަދަ މަޝްރޫޢުތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިއަދުގެ ޙާލަތަށް ބަލާއިރު، ކޮންމެ މީހަކަށް 9،000-10،000ރ. ރުފިޔާ ލިބުނު ނަމަވެސް އަދި ގޭގެ ހުރިހާ އެންމެން އާމްދަނީ ހޯދި ކަމުގައި ވިޔަސް، ދިރިއުޅެވޭނީ ކިރިޔާ ސަރުކާރުން އެއްޗެއް ދީގެން ކަމަށެވެ. އެހެން ނޫން ނަމަ އަނެއްކާވެސް ޖެހޭނީ ދަރަނިވެރިވާން ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެމްޑީޕީގެ އަދި އެ މަނިކުފާނުގެ އަމާޒަކީ ވެސް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި، އަތްމަތި ތަނަވަސްކޮށްދީ، އާމްދަނީ ބޮޑުކޮށް ދިނުމުގެ މަސައްކަތް ކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ އަބަދުވެސް މި ރާއްޖެ އަށް ބަދަލެއް ގެނެސްދޭނެ ޕާޓީއަކީ. އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް ވަރުގަދަ މުއައްސަސާއެއް. އެ މުވައްސަސާއަކީ މި ދެންނެވި ބާވަތުގެ ކަންކަން ކުރެވޭނެ މުވައްސަސާއެއް." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ.