ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބް ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެންމެ ފަހު ވަގުތު އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަޖިލީހުގެ ނައިބް ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހިމެނޭ ކަމަށް ބައެއް ނޫސްތަކުން ދިޔައީ ރިޕޯޓް ކުރަމުންނެވެ.
އެކަމަކު ފަލާހް މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.