މި ސަރުކާރު އޮތްހާ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެންމެ ފަހު ވަގުތު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ނާޒިމް ރާއްޖެ ދޫކޮށް ފިލައިގެން ދިޔައީ ކަމަށާއި ނާޒިމް މަގާމުން އިސްތިއުފާ ދިނުމުން އެކަމާ ހިތްދަތިވެގެން އުޅޭނެ ބަޔަކު ޕީއެންއެފްގައި ނުތިބޭނެ ކަމަށެވެ.
އަދި މިއީ ސިޔާސީ ޑީލެއް އޮވެގެން ހިނގި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނާޒިމް ހަމަ ބިރުން ފިލައިގެން ދިޔައީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ނާޒިމެއް ދެން މި ސަރުކާރު އޮތްހާ ދުވަހަކު މާލެއަކަށް ނާންނާނެ. އެހެންނަމަވެސް މިއުޅެނީކީ ސިޔާސީގޮތުން ޑީލަކުންނެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ނާޒިމް ވަކިކުރުމަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
ނާޒިމްގެ އިސްތިއުފާގެ ސިޓީގައި ވަނީ އެ ތުހުމަތުތައް ސާބިތުވާނެ ހެއްކެއް އެ ގަރާރުގައި ހުށަހަޅާފައި ނުވާ ކަމަށާއި، ނައިބް ރައީސްގެ ހައިސިއްޔަތުންނާއި މެންބަރެއްގެ ހައިސިއްޔަތުންވެސް ކޮށްފައިވާ އެއްވެސް ކަމަކާ އެއްވެސް މެންބަރަކު ޝަކުވާއެއްވެސް ކޮށްފައި ނުވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެއެވެ." ނާޒިމްގެ ސިޓީގައިވެ އެވެ.