”ޕާޓްނަޝިޕް އޮފް ރީޖަނަލް އާމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން“ (ޕްރަގަތީ 2026) މަލްޓިލޭޓަރަލް އެކްސަސައިޒްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ އެވެ.
މިދިޔަ މަހުގެ 18-31 އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި އެކްސަސައިޒަކީ ކައުންޓަ-ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ބައިވެރިވިއެވެ.
މި އެކްސަސައިޒް ނިންމާލާފައި ވަނީ ބައިވެރިވި ގައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައި ދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހު އެވެ.

އެކްސަސައިޒްގައި 13 ގައުމަކުން 400 އަށް ވުރެ ގިނަ ސިފައިން ބައިވެރިވި އެވެ.
އެގޮތުން ރާއްޖެ ހިމެނޭހެން އެކްސަސައިޒްގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމްގެ ސިފައިން ބައިވެރިވި އެވެ.