ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ނިންމާފައިވާތީ އެެ ދެ ތަނު މަގުތައް ބަލަން ޗައިނާ ރެއިލްވޭ ޑިޒައިން ކުންފުނީގެ ޓީމެއް މާލެ އަތުވެއްޖެ އެވެ.
ޗައިނާގެ އެހީގައި މި މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ގައި ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ބަލައި ޗެކް ކުރަން ބަޔަކު އިއްޔެ އައިކަން ހާމަކޮށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކޮންގް ޒިއަންހުއާ ސޯޝަލް މީޑިއާ ޕޯސްޓެއްގައު ވިދާޅުވީ މަގުތައް ބެލުމުގެ އިތުރުން ޑިޒައިން ކުރުމުގެ މަސައްކަތް ވެސް އެ ޓީމުން ކުރިއަށް ގެންދާނެ ކަމަށެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ޗައިނާގެ ޓީމުތަކެއް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވެ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުހައްމަދު މުއްތަލިބް ވިދާޅުވެފައި ވަނީ މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތަށް އެ މަހުގެ ތެރޭގައި ޗައިނާގެ ޓީމެއް އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.