Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

މަޖިލީހުގެ އާ ނައިބު ރައީސަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސްކަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަގާމަށް އޭނައާ ވާދަކުރެއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) އެވެ.

ސަލީމަށް ރައީސްކަން ލިބިވަޑައިގަތީ 74 ވޯޓުންނެވެ. ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.

ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ، އަދި ތަޖުރިބާ ލިބިވަޑައިގެންހުންނެވި އެއް މެންބަރެވެ. އޭނާއަކީ 20 ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ވެސް މެ އެވެ.

މިއީ ސަލީމްގެ މަޖިލިސް މެންބަރުކަން ކުރައްވާ ހަތަރު ވަނަ ދައުރެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނަ އިސްތިއުފާ ދެއްވީ މަޖިލީހުގެ މަސްލަހަތު ނަގައިލަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް ޕީއެންސީން އިއްޔެ އޭނަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ކުޑަތަންވެފައި ވަނިކޮށެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ރައީސަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.