Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ހަތަރު މަހެއްހާ ތެރޭގައި ކޮންޓެއިނާ ސްކޭނަރު ބަހައްޓަނީ

ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަ ސްކޭނަރެއް ގެނެސް، އޮޕަރޭޝަނަށް ނެރެވޭ ވަރު ވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް ބަލަމުން އަންނަ ކަމަށާއި، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ.

"އިންޓަސެޕްޓް ކުރަމުންދާ މިންވަރު ގިނަވުމަކީ އޭގެ ޒާތުގައި ލޯއެންފޯސްމަންޓް ހަރުދަނާކޮށް ގެންދެވޭ ކަމުގެ އެއް ހެކި. އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވަމުން އަންނަ ކަމެއް މިއީ ކަސްޓަމް ފަދަ ތަންތަނުގައި ސަތޭކަ އިންސައްތަ ޔަގީންކަމާއެކީ ސްކްރީނިން ކުރަން ފެށީމަ ހިޓްވާވަރު މިންވަރު އިތުރުވޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެެހެންކަމުން ސަރުކާރުން މިހާރު ނިންމާފަ އޮތް އެއް ނިންމުމެއް މިއީ ފުލް ކޮންޓެއިނަރު ސްކޭނަރެއް ރާއްޖޭގެ މައި ބަނދަރުގައި ހަރުކުރުމަކީ."

އޭނަ ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާނީ އެމްޕީއެލް އާއި ކަސްޓަމްސްއާ ގުޅިގެން ކަމަށެވެ.

އިހްސާން ވިދާޅުވީ މި މަސައްކަތް ކުރެވެމުން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މަސްތުވާތަކެއްޗާއި ސިނގިރޭޓް ފަދަ ތަކެތި އެތެރެކުރާ ކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ދާނެ ކަމަށެވެ.