ރޯހިތު ޝެޓީ ކަހަލަ ޑައިރެކްޓަރަކަށްވާން ބޭނުން ކަމަށް ބޮލީވުޑްގެ ޑައިރެކްޓަރު ކިރަން ރާއޯ ބުނެފި އެވެ.
މިހާތަނަށް ދެ ފިލްމު ގެނެސްދީފައިވާ ކިރަން އަކީ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ކުރީގެ އަންހެނުންނެވެ.
ވެރައިޓީ އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ކިރަން ބުނީ އޭނަ އަކީ ރޯހިތަށް ވާނެ ނަމަ ހިތަށް އަރާ ކަމަށެވެ. މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ރޯހިތަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ޑައިރެކްޓަރެއްކަން ފާހަގަކޮށް ކިރަން ބުނީ އެގޮތަށް މަސައްކަތް ކުރެވޭނީ ވެސް އަމިއްލަ ނަފުސަށް ވަރަށް ބޮޑު އިތުބާރެއް އޮވެގެން ކަމަށެވެ.
"އޭނަ ފިލްމެއް އެޑިޓްކުރާ އިރު އަނެއް ފިލްމުގެ މަސައްކަތް އޮންނާނީ ފެށިފައި، އަދި ތިން ވަނަ ފިލްމެއް އަންނާނީ ޕްރޮމޯޓް ކުރަމުން،" ކިރަން ބުންޏެވެ. "އެހެންވެ އެގޮތަށް މަސައްކަތް ކުރެވޭ ކަހަލަ ޑަައިރެކްޓަރަކަށް ވާނެ ނަމައޭ ހިތަށް އަރާ."
އޭނަ ބުނި ގޮތުގައި އެއް ފިލްމުން އަނެއް ފިލްމު ޑައިރެކްޓް ކުރުމުގައި ނަގާ މުއްދަތު ދިގުވަނީ ބޭނުންވާ ކަހަލަ ސްޓޯރީ ލައިނަކާއި އެ ސްކްރީންޕްލޭއަކަށް ފައްތަން ވަރަށް ގިނަ ވަގުތު ނަގާތީ ކަމަށެވެ.
"އަސްލު ވަރަށް ފަރުވާ ބަހައްޓަން ސްކްރީންްލޭ ވީހާ ވެސް ބޮޑަށް ފުރިހަމަ ކުރަން. ސްކްރީންޕްލޭއާ މެދު އަހަރެން އެންމެ ހިތްހަމަވަރުކޮށްފައި ނޫނީ ހުއްޓައެއް ނުލަން." ކިރަން ބުންޏެވެ.
އޭނަ ބުނީ ގިނަ ފިލްމުތަކެއް ހަދަން ވެސް ބޭނުންވާ ކަމަށާއި ތަފާތު ޖޯންރާތައް ތަޖުރިބާ ވެސް ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ބިރުވެރި، ކޮމެޑީ އަދި ތުރިލާ ފަދަ ޖޯންރާތަކުގެ ފިލްމު ހަދަން ބޭނުންވާ ކަމަށް ބުންޏެވެ.
ކިރަންގެ އެންމެ ފަހުގެ ފިލްމަކީ އިންޑިއާ އިން 2024 ގެ އޮސްކާ އެވޯޑަށް ފޮނުވި ކޮމެޑީ ޑްރާމާ "ލާޕަތާ ލޭޑީސް" އެވެ. އޭނަގެ އަލަތު ޑައިރެކްޝަނަކީ 2011 ގެ "ދޯބީ ގާތު" އެވެ.