މި ސަރުކާރުން ކަންކަން ކުރަމުންދަނީ ދިރާސާއެއް ނެތި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާއެކު 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކޮށް ވިސްނަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުންދަނީ ވިސްނާ ނުލާ ދިރާސާއެއް ނެތި ކަމަށާއި ދެން ޖެހޭނީ ޔޫ ޓާން ނަގަން ކަމަށެވެ.
"ޑަބްލިއުއެޗްއޯ ބުނިއްޔޯ ސިނގިރޭޓަކީ ހެލްތު ފުޑެކޭ. ކީކޭ ދެން ބުނާނީ. ވިސްނާ ނުލާ ދިރާސާއެއް ނެތި ކަންކަން މި ކުރަނީ. ދެން ޖެހޭނީ ޔޫ ޓާން ނަގަން،" ނަޝީދު ވިދާޅުވި އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ގެ ނޮވެމްބަރުގަ އެވެ. އޭރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފައިވެ އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ އެ ޑިއުޓީ އަށް ބަދަލު ގެންނަން ވިސްނާފައިވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
"މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މަޝްވަރާތައް ކުރާނަން. އަދި މަޝްވަރާ ކުރުމަށް ފަހު، އެ ރޭޓަށް [4ރ. އަށް] ދާން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ." އިހުސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިފަދަ ބަދަލެއް ގެންނަ އިރު މާކެޓް ޑިމާންޑަށް އަންނަ ބަދަލުތައް އަދި މި ނިންމުންތަކުން ކުރާ އަސަރުތައް ހިސާބުކޮށް، ފަންނީ މާހިރުން ދޭ ލަފައަށް އަބަދު ވެސް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްުޔާތަކުން ދޭ ލަފާތަކަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.