މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާތީ، ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ) އަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ ބައްސާމުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވޫ މިއަދު ކަމަށެވެ.
ކޮމިޝަނުބް ބުނީ އެ މައްސަލައިގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްއަފޫރު މެދުވެރިވެގެން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި އެ ފައިސާ އޭނަގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ބައްސާމް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ "މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު" ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށެވެ.