އެމްޑީޕީއަށް ކާމިޔާބު ހޯދަން މަދުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އިފެކްޓް" ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކުޅުދުުއްފުށި ސިޓީގައި ރޭ ބޭއްވި ނަޝީދުގެ ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ ވާހަކަތައް ދައްކަވާތާ ދެ އަހަރު ދުވަސްވެފައިވާ ކަމަށާއި އެކަމަކު، އެ ވާހަކަ އަޑުއަހައި މިކަމުގައި ކުރިއަށްދާން އަތް ދިއްކޮށްލެވީ ނަޝީދު ކަމަށެވެ. އަދި ބޮޑު ބަދަލުގެ ކެމްޕޭންގައި ދައްކަމުންދަނީ ގައުމަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުތަކެއްގެ ވާހަކަ ކަމަށާއި މިކަން ކުރުމަށް އެމްޑީޕީއަށް މިހާރު މަދުވަނީ ނަޝީދުގެ "އިފެކްޓް" ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ނަމަވެސް މަދުވާ ތަންކޮޅަކީ، އެބުނާ ރައީސް ނަޝީދު އިފެކްޓު. އެ ރޫހެއް ނެތް. އަޅުގަނޑުމެން މިހާރު މިދާން އުޅޭތަނަށް ދެވޭނީ އެމްޑީޕީގެ އެ ރޫހު އަލުން ގެނެސްގެން. ސިޔާސީ ބުރަދަން ހުރި މީހަކު މިކަމާ ހަވާލުވެގެން. މި ގައުމު ބަދަލުކުރަން މިއަދު މިކުރާ މަސައްކަތުގައި އެ ސިޔާސީ ބުރަދަން ހުރި ބޭފުޅަކަށް ހުރީ ހަމަ ނަޝީދު،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބޮޑު ބަދަލެއްގެ ވާހަކަ ހިފައިގެން އެ މަސައްކަތްކުރަން ނިކުމެތިބިއިރު، އެކަމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް އޮތުން ކޮންމެހެން ބޭނުންވާ ކަމަށެވެ. ނޫންނަމަ މިއަދުގެ ވެރިކަން ބަދަލު ނުކުރެވޭނެ ކަމަށާއި 2028ގައި އެމްޑީޕީން ކޮންމެ މީހަކު ނެރުނަސް ކާމިޔާބުވާނެ ކަމަށް ދެކޭ ދެކުމަކީ ވެސް ކުށްހީއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.