Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ޗެއާޕާސަނަކަށް ކުރިމަތިލީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުުއްފުށި ސިޓީގައި ރޭ ބޭއްވި ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލީ ދަރަނި އަދާކޮށް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަންވެގެން ކަމަށެވެ. އެމްޑީޕީގެ ތެރެއިން ނޫނީ އެކަން ވާން ނެތްކަމަށާއި ކްލައިމެޓް ވަނަރަބަލް ފޯރަމުގައި ހުންނަވައިގެން އެކަން ވާން އޮތްނަމަ، އެ މަސައްކަތް ކުރީހީ އެތަނުގައި ހުންނަވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެކަންވާން އޮތީ އެމްޑީޕީ އަލުން ރުކުރަވާލައި ކުރީގެ ފޯރިއާ ޖޯޝުގައި ތެދުވެގެން ކަމަށްވެސް ނަޝީދު ވިދާޅުވި އެެވެ.

"ކަން ދިމާކުރިގޮތުން ތިބޭފުޅުން އުފައްދާފައި ހުރީ މިކަހަލަ އެކަތި. މާބައިވަރެއް ނެތް. އެއީ ތިބޭފުޅުން އުފެއްދި އެއްޗެއް އަޅުގަނޑަކީ. ބޭނުމަކީ މި އިންޖީނު އަޅައިގެން ދުއްވުން. އަޅުގަނޑަށް ވެސް މާ ފަސޭހަވީސް މި ކެނަރީ ގޭގައި އޮންނަން. ނަމަވެސް މިއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކުރަންޖެހޭ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

"ތިބޭފުޅުންގެ ބައިވެރިވުން ނެތިއެއް އަޅުގަނޑަކަށް ނެތް މި މަސައްކަތް ކުރެވޭކަށް. އަޅުގަނޑުގެ ގަޔަކު ނެތް މި ޕާޓީގައި ނެތް ހިތްވަރެއް،"

ނަޝީދު ވިދާޅުވީ، 2028ގެ ރިޔާސީ އިންތިހާބު ކޮންމެހެން ވެސް ކާމިޔާބު ކުރަންޖެހޭ ކަމަށާއި އެ ކާމިޔާބީ ހޯދުމަށް އޮތް މުއައްސަސާއަކީ އެމްޑީޕީ ކަމަށެވެ. އެކަމަށްޓަކައި އެ ޕާޓީއަށް 160،000 ވޯޓު ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި، އެކަމަށްޓަކައި ކުރަން އޮތީ ބުރަ މަސައްކަތެއް ކަމަށާއި އެންމެން އެކުގައި ގުޅިގެން ނޫނީ އެކަން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.