ފެނަކައިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުުރެވެމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ "ހާއްސަ އިންޓަވިއު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ ކުންފުނީގެ ހިންގުމާ ހަވާލުވެވަޑައިގަތްއިރު އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން، ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ ސްޓޮކް ހުސްވެފައިވުމުގެ އިތުރުން މުވައްޒަފުންގެ އަދަދު ވެސް އޮތި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިބަލަނީ، ކުންފުނީގެ ހިންގުމަށް އެންމެ ބޭނުންވާ މިންގަނޑަކީ ކޮބައިތޯ އަދި ކުންފުނީގެ އޮނިގަނޑު އިސްލާހު ކުރުމަށްޓަކައި ކުރަންހުރި މަސައްކަތްތަކަކީ ކޮބައިތޯ. ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި އެންމެ އިތުބާރު ހުރި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް،". އަފީފް ވިދާޅުވި އެވެ.
އަފީފް އިތުރަށް ވިދާޅުވީ، ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް، ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުންނާ ބައްދަލުކޮށް،، މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ބައްދަލުވުންތަކުން ފާހަގަވި، އެންމެ މުހިންމު އެއް ކަމަކީ ކުންފުނި ރައިޓް ސައިޒް ކުރުން ނުވަތަ އެކަށީގެންވާ މިންވަރަކަށް، މުވައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށް އެމްޑީ ވިދާޅުވި އެވެ.
މީގެ އިތުރުން ޚިދުމަތްތައް ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިން އެޕްލިކޭޝަންތައް ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވިއެވެ.
މަޝްރޫޢުތަކާ ގުޅޭގޮތުން، ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ، ފެނާއި ނަރުދަމާގެ އިތުރުން، ޕީއެސްއައިޕީ ދަށުން 35 ރަށެއްގައި 48 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ އަދި މީގެ ތެރެއިން ހަ ރަށެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު އިތުރު ހަ ރަށެއްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގޮސް ނިމުމަކާއި ގާތްވެފައިވާކަމަށް އެމްޑީ އަފީފު ފާހަގަކުރެއްވިއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކާއި ގުޅިފަހުރި މި ކަންތައްތައް، އެމަނިކުފާނު، ރައްޔިތުންނަށް، ކޮށްދެއްވަން ބޭނުންފުޅުވާ ކަންތައްތައް އެހެންވެގެން ދައުލަތުގެ އެސްއޯއީތައް، މެދުވެރިކޮށް މިކަންތައްތައް ކުރެވެމުންދަނީ. އެހެންވީމަ، ފެނަކަޔާއި، ހަވާލުކުރައްވާފައި ހުރި މަސައްކަތްތައްވެސް ވީހާވެސް އިސްކަމެއް ދީގެން އެމަސައްކަތްވެސް، ކަނޑައެޅިފައިވާ ގޮތަށް ނިންމޭތޯ ވަރަށްބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުން މިދަނީ،". އަފީފު ވިދާޅުވި އެވެ.