Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވޭ

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެ އެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އައު ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ މެސެޖުތަކަކީ ރީފަންޑެއް ދޭންކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށް ބުންޏެވެ.

އެގޮތަށް ފޮނުވަމުންދާ މެސެޖުގައި އެ ފައިސާ ޓްރާންސްފާ ކުރުމަށް 24 ގަޑިއިރުގެ މުއްދަތެއްދީ ބިރުވެރިކަން އުފައްދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ މެސެޖުގައިވާ ލިންކަށް ނުފިއްތުމަށާއި އޯޓީޕީއާއި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށް އެދިފައެވެ. އަދި އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޗެކްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.