Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތް ފަށައިފި

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފާހަގަ ކުރަން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

މާލޭގެ ގަލޮޅު ދަނޑުގައި މެޗްތައް ކުޅޭ މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އަދި އަފްގާނިސްތާނެވެ.

މުބާރާތް ހުޅުވަން އިއްޔެ ހަވީރު ކުޅުނު މެޗަށް ނުކުތީ ބަންގްލަދޭޝާއި ޕާކިސްތާނެވެ. އެ މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މުބާރާތުގެ ދެވަނަ މެޗަަށް ރޭ ނުކުތީ ރާއްޖެ އާއި އަފްގާނިސްތާނެވެ. އެ މެޗް 1-0 އިން ކާމިޔާބުކުރީ އަފްގާނެވެ.

މުބާރާތުގެ މެޗްތަކެއް ދެން އޮންނާނީ މި މަހުގެ 4 ގަ އެވެ. އެ ދުވަހުގެ ހަވީރު އޮންނަ މެޗްގައި ބައްދަލު ކުރާނީ ރާއްޖެ އާއި ޕާކިސްތާނެވެ. ރޭގަނޑުގެ މެޗްގައި ވާދަކުރާނީ އަފްގާނިސްތާނާއި ބަންގްލަދޭޝް އެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 10 އާ ހަމައަށެވެ.