Last Updated: July 22, 11:11
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަޖޭގެ ޑްރިޝަމް 3' ގެ ޝޫޓިން ނިންމާލައިފި

އަޖޭގެ ދޭވްގަންގެ ކްރައިމް ތުރިލާ 'ޑްރިޝަމް 3' ގެ ޝޫޓިން ނިންމާލައިފި އެވެ.

މިކަން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކޮށް ޑައިރެކްޓަރު އަބީޝެކް ޕަތަކް ވަނީ ފިލްމުގެ ކާސްޓާއި ކްރޫ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. 'ޑްރިޝަމް 3' އަކީ އޭނަ ޑައިރެކްޓްކުރާ މި ފިލްމު ސީރީޒްގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2022 ގައި ރިލީޒްކުރި 'ޑްރިޝަމް 2' އެވެ.

އަޖޭއާ އެކު 2015 ގައި 'ޑްރިޝަމް' ގެނެސްދިނީ 2020 ގައި މަރުވެފައިވާ ޑައިރެކްޓަރު ނިޝިކަންތު ކަމަތު އެވެ.

ޑްރިޝަމް ފިލްމު ސީރީޒަކީ މަޝްހޫރު މަލަޔަޅާމް އެކްޓަރު މޯހަންލާލާ އެކު ހަމަ އެ ނަމުގައި ގެނެސްދެމުން އަންނަ ފިލްމުތަކަށް ބިނާކޮށް ގެނެސްދޭ އޭގެ ހިންދީ ވާޝަނެވެ. މޯހަންލާލުގެ 'ޑްރިޝަމް 3' ރިލީޒްކުރީ މިދިޔަ މަހުގެ 21 ގަ އެވެ.

އަޖޭގެ 'ޑްރިޝަމް 3' ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ. 'ޑްރިޝަމް' ގެ ކުރީގެ ދެ ބަޔަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެކެވެ.

މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ އޭނަގެ ފުރަތަމަ ފިލްމަކީ އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު އިންދަރު ކުމާރުގެ ކޮމެޑީ ފިލްމު ސީރީޒް 'ދަމާލް' ގެ ހަތަރު ވަނަ ބައެވެ.